ޕާކިސްތާނުގެ ހުޅަނގުއުތުރުގައިވާ ޕިޝާވަރުގެ މިސްކިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 59 މީހުން މަރުވެ 150 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ.
މިސްކިތުގައި ބޮން ގޮއްވައިލާފައި ވަނީ، ނަމާދު ވަގުތަށް ގިނަ ޢަދަދެއްގެ ބަޔަކު މިސްކިތެއް ޖަމާވަމުންދިޔަ ވަގުތެއްގައެވެ.
މި ހަމަލާގައި މިސްކިތަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި، މިސްކިތުގެ ބަޔެއް ވެއްޓިފައިވާ ކަމުގައި ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ސިކަންދަރު ޚާން ވިދާޅުވިއެވެ. މި ހާދިސާގައި ޒަޚަމުވި 150 އަށްވުރެ ގިނަ މީހުން އެ ސަރަޙައްދުގައި ހުންނަ ލޭޑީ ރެޑިންގ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި، ޒަޚަމުވެފައިވާ ގިނަ ޢަދަދެއްގެ ބަޔެއްގެ ހާލު ސީރިޔަސް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ބޮމުގެ ހަމަލާ ދިން ވަގުތު މިސްކިތުގެ ތެރޭގައި 300 އަށްވުރެ ގިނަ މީހުން ތިބިކަމަށް ބެލެވެއެވެ.
ޕާކިސްތާނުގައި ހަރަކާތްތެރިވާ އެއްވެސް ޓެރެރިސްޓް ޖަމާޢަތަކުން ހަމަލާގެ ޒިންމާ އަދި މިހާތަނަށް އުފުލާފައެއް ނުވެއެވެ. ޕިޝާވަރަކީ، ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސުގެ ވެރިރަށެވެ. އެ ޕުރޮވިންސާ އިންވެގެން އޮންނަ ބަލޮޗިސްތާން ޕުރޮވިންސުގައި ވެސް ދާދިފަހުން ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.
ސަރަޙައްދީ ރޮނގުގައި ހުންނަ ޗެކްޕޮއިންޓަކަށް 2022 ޑިސެންބަރު މަހުގެ ކުރީކޮޅު ދިން މޯޓަރު ބަޑީގެ ހަމަލާތަކުގައި ހަ މީހުން މަރުވިއެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާޢަތެވެ