އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުތް ގޮތުން ޕީޕީއެމްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ފަަސޭހަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓާއެކުއެވެ.
ނަޝީދަށް ކުރިމަތިލަން ޖެހިވަޑައިގަތް ނާކާމިޔާބީއާއެކު މިހާރު ގެންދަވަނީ އެމްޑީޕީގައި ގޮތްޕެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ”ފިކުރެއްގެ ދިރުން“ މި ނަމުގައި އުފައްދާ ގޮތްޕަށް މަދުވެގެން 50,000 މެންބަރުން ހަމަކުރަން ވަނީ އަމާޒު ހިފައިފައެވެ.
އެކަމަށް ޢިޝާރަތް ކުރައްވައި ފޭސްބުކްގައި ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮކަޑި ކޭ މީދަލަށްވުރެ ރައީސް ނަޝީދުގެ އުނދަގޫ ރައީސް ޞާލިޙަށް ބޮޑުވާނެ ކަމަށެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާއެކު ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުވެ ޕީޕީއެމްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ފަަސޭހަވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ ކެންޑިޑޭޓެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ. ނަމަވެސް މިދިޔަ މަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.