އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން މިހާތަނަށް 53 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން މިއަދު ބުނެފިއެވެ.
ޤާނޫނީ ޓީމުން ބުނީ ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އިންތިޚާބުގެ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އަންނަ ވަރުގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ.
އެ ގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން އިދިކޮޅު ކެންޑިޑޭޓަށް ވޯޓު އަނބުރައިލަން މަސައްކަތް ކުރުމާއި، ވަޒީފާ އުފައްދައި ވަޒީފާގެ ބޭނުންކޮށްގެން ވޯޓު ހޯދަން މަސައްކަތް ކުރުމާއި، ވޯޓާސް ލިސްޓު ފެންނަ ނެތުމާއި، ވޯޓާސ ލިސްޓުތައް ދިމާނުވާ މައްސަލައާއި، ވޯޓާސް ލިސްޓަށް އުނިއިތުރު އަންނަމުން އަންނަ މައްސަލައާއި ނަތީޖާ ޝީޓުތައް ދިމާނުވާ މައްސަލަ ހިމެނެއެވެ.
މީގެއިތުރުން ނަޝީދުގެ މަންދޫބުން ވޯޓުލާ މަރުކަޒުން ނެރުނު މައްސަލައާއި، ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާފައިވާ މައްސަލައާއި، ލިސްޓުގައި ތިބި މީހުންގެ ނަމުގައި އެހެން މީހުން ވޯޓުލާފައިވާ މައްސަލައާއި، ވޯޓުލާ މަރުކަޒުގައި ކެމްޕޭނު ކޮށްފައިވާ މައްސަލައާއި އައިޑީ ކާޑު ގަންނަމުން އަންނަ މައްސަލަ ވެސް ހިމެނެއެވެ.