އެމްޑީޕީގެ ތެރޭގައި ”ފިކުރެއްގެ ދިރުން“ ނަމުގައި ސިޔާސީ ހަރަކާތް ހިންގުމަށް ގަވާއިދު ތަންދޭ ކަމަށާއި އެކަމެއް ނުހުއްޓުވޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި ސަޕޯޓަރުންނާއި ކެމްޕޭން ޓީމުތަކާއެކު މެންދުރުގެ ފަރިކޮޅަށް އިންސާފު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
ނަޝީދު ވިދާޅުވީ ޕްރައިމަރީ އިންތިޚާބުގައި ވާދަވެރިން ވަނީ ޕާޓީގެ 39,000 މެންބަރުން ވަކިކޮށް ވޯޓުލެވޭ މީހުންގެ ވަކި ލިސްޓެއް ތައްޔާރުކޮށްފައި ކަމަށާއި ކުރިމަތިލެއްވީ ވެސް އެ ލިސްޓު އެގޮތަށް އޮތްކަން އެނގި ތިބެ ކަމަށެވެ.
”އަޅުގަނޑުމެން ދުށީ އެ ލިސްޓުން ވެސް އަޅުގަނޑުމެން މޮޅުވުމަކީ ވަރަށް އެކަށީގެންވާ ކަމެއްގެ ގޮތުގަ. މިހާރު އަޅުގަނޑަށް ފެންނަ ތަނުގައި ވޯޓު ދިން ލިސްޓުގެ ގިނަ މީހުންގެ ވޯޓު.. ކުޑަކުޑަ ތަންކޮޅެއް ގިނަ މީހުންގެ ވޯޓު އަޅުގަނޑުމެންނަށް ނުލިބި ދިޔަ ކަމުގައިވިޔަސް މުޅި ޕާޓީގެ އަސްލު ލިސްޓުގެ ތާއީދު އަޅުގަނޑުމެންނަށް ލިބޭނެކަމީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ވަރަށް އެކަށީގެންވާ ކަމެއް.“
ނަޝީދު ވިދާޅުވީ ”ޕްރައިމަރީގައި ހޮވުނު ކެންޑިޑޭޓަކާ އެކީ ގޮސްގެން އެމްޑީޕީއަކަށް ކާމިޔާބެއް ނުކުރެވޭނެ“ ކަމަށާއި ޕާޓީން މިކަމާ ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
”އަދި އަޅުގަނޑު ހުށަހަޅަނީ ޕާޓީގެ ފިކުރެއްގެ ދިރުމުގެ ގޮތްޕަށް 50,000 މީހުން ވަންނަން. އަޅުގަނޑު އެދެނީ ކޮންމެ ރަށެއްގަ ވެސް މިސާލަކަށް ފިކުރެއްގެ ދިރުން އެކެއް ދެއެއް ތިނެއް ހަތަރެއް ހަތަރު ގޮފި ފަސް ގޮފި ވިޔަސް ކޮންމެ ރަށެއްގަ ވެސް ކޮންމެ ތަނެއްގަ ވެސް މި ފިކުރުގެ ގޮފި އުފައްދައި 50,000 މީހުން އަޅުގަނޑުމެންގެ ފިކުރުގަ އެއް ގޮތްޕެއްގަ ތިބެވޭނެ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމުވާން.އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިންގޭނީ އިންތިޒާމުވެގެން. އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެކަނި. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ އުވޭނެ ޕާޓީއެއް ވެސް ނޫން ބަލިވާނެ ޕާޓީއެއް ވެސް ނޫން އެއީ ގަދަ ޕާޓީ. އަދި އެއީ ދޫކޮށްލާފަ ދާން އަޅުގަނޑު ދުވަހަކު ވެސް ގަސްދުކުރާ ޕާޓީއެއް ނޫން.“
ނަޝީދު ވިދާޅުވީ ޕާޓީގެތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތް ހިންގޭނެ ކަމަށާއި ޕާޓީގެ ހިންގާ ގަވާއިދު ވެސް ޖާގަދޭނެ އެކަމަށް ޖާގަދޭ ކަމަށެވެ. އަދި ޕާޓީގެ ރޫޙާއި އުސޫލުތައް ވެސް މިކަމަށް ޖާގަދޭނެ ކަމަށެވެ.
”އެމްޑީޕީ ހަދާފަ އެ އޮތީ ވެސް ޙަޤީޤަތުގަ މީހުން ޖާގަދީގެންނެއް ނޫން. އަޅުގަނޑުމެން ހެދި ޕާޓީއެއް އެއީ ހަމަ. އަޅުގަނޑުމެންގެ ގޮފި ފިކުރެއްގެ ދިރުން އެމްޑީޕީގެތެރޭގަ ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ އަޅުގަނޑުމެން އަމިއްލައަށް ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް.“ ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވަނީ ”ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާަސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން.“ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ޕާޓީގެ ޗެއާރ ފައްޔާޒު އިސްމާޢީލް ވަނީ އެ ގޮތަށް ކަންތައް ނުކުރެއްވުމަށާއި އަލުން ވިސްނެވުމަށް އެދިވަޑައިގެންފައެވެ. އަދި ”ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުކޮށް ތި ގޮތަށް ކަން ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ“ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.