އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވިކަމަށް ބުނެ ދަޢުވާ އުފުލާފައިވާ މައްސަލައިން ތަނާޒުލުވެވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ނަދީމް މިއަދު ވިދާޅުވެއްޖެއެވެ.
ފުއްގިރި މައްސަލަ ކުރިން ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލެވެ.
ޝަކީލު އެ މައްސަލައިން ތަނާޒުލުވެވަޑައިގަތުމުން މައްސަލައާ ހަވާލުވެވަޑައިގެންނެވީ ގާޒީ ޢަލީ ނަދީމެވެ.
މައްސަލައާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން މި މައްސަލައިގައި ވަނީ ގާޒީ ނަދީމްގެ މަސްލަހަތު ފުށުއަރާ ކަމަށާއި އެހެންކަމުން މައްސަލައި ތަނާޒުލުވެވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ސަބަބެއް ކަމަށް ވަކީލުން ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ހެއްކެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ގާޒީ ނަދީމް ކުރިން އުޅުއްވާފައިވުމެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅިގެން ގާޒީ ނަދީމް ވިދާޅުވީ ދަޢުވާ ލިބޭ އެއްވެސް މީހެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެއް ނުވާނެ ކަމަށާއި, އެހެންކަމުން މަސްލަހަތު ފުށުއެރުމެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ގާޒީ ނަދީމް ވިދާޅުވީ މައްސަލަތަކުން ތަނާޒުލުވާން އޮންނަނީ ދެ ސަބަބެއް ކަމަށާއި އެއީ ދަޢުވާ ކުރެވޭ މައްސަލައިގެ ތަޙްޤީޤު މަރުހަލާއިން ފެށިގެން ދަޢުވާ ކުރުމާ ހަމައަށް ބައިވެރިވުމެއް އޮތުން ކަމަށާއި, ދަޢުވާ ލިބޭ މީހެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުން ނުވަތަ ޤާނޫނީ ޚިދުމަތް ދިނުން ކަމަށެވެ.
ގާޒީ ނަދީމް ވިދާޅުވި ގޮތުން އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަރީޢަތަށް ވަޑައިގަތީ މީގެ ހަތް އަހަރު ކުރިންނެވެ. އެއީ ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ“ ގައި އެއްޗެއް ގޮއްވައިލުމާ ގުޅިގެން އަދީބު ހައްޔަރުކުރި މައްސަލައިގައެވެ.
”ނައިބު ރައީސްކަމުން އަދީބު ވަކިކުރި ފަހުން އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އެއްވެސް ޖިނާޢީ މައްސަލައެއްގައި ޤާނޫނީ ޚިދުމަތެއް ދީފައެއް ނުވާނެ.“
”މައްސަލަ ނިމިގެންދާނީ ދަޢުވާ ސާބިތުވާ ކަމަށް ނުވަތަ ނުވާ ކަމަށް ނުވަތަ ޖިނާޢީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް. އަޙްމަދު އަދީބަށް ލިބޭނެ ފައިދާއެއް ނެތް.“ ގާޒީ ވިދާޅުވިއެވެ.