އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ސަޕޯޓަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މި ވަގުތު ގެންދަވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި ސަޕޯޓަރުންނާއި ކެމްޕޭން ޓީމުތަކާއެކު މެންދުރުގެ ފަރިކޮޅަށް އިންސާފު ކުރައްވަމުންނެވެ.
މިއީ އިންތިޚާބުން ކުރިމަތިވެވަޑައިގަތް ނާކާމިޔާބީގެ ފަހުން ޢާންމު ތަނަކަށް ނުކުންނަވައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން ޢާންމު ޕްލެޓްފޯމެއްގައި އަދި ވާހަކަފުޅު ދައްކަވާފައެއް ވެސް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިންތިޚާބުގެ އޮޅުވައިލުންތައް އެއްކިބާކޮށްފިނަމަ ރައީސް ޞާލިޙަށް ވަރަށް ގިނަ ވޯޓު އުނިވާނެ ކަމަށާއި ވޯޓުލީ މީހުންގެ ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވެދާނެ ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބުނުުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި ކަނޑައިލި 39000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި އެ މީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން. ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާަސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން.“
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށެވެ.