އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވި ނިންމެވުމާމެދު އަލުން ވިސްނެވުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރި ފަހުން ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ނިންމެވުން ހާމަކުރައްވައިފައެވެ.
”އަޅުގަނޑު ހުށަހަޅަނީ ’ފިކުރެއްގެ ދިރުން‘ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި ކަނޑައިލި 39000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި އެ މީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން.“ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ.
އެއަށްފަހު ވިދާޅުވީ ”ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން.“ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށެވެ.
އެ ގޮތުން ފައްޔާޒު ވަނީ އެ ގޮތަށް ކަންތައް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަލުން ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުކޮށް ތި ގޮތަށް ކަން ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ.“ ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާ ބޭފުޅަކީ ޕާޓީގެ ކެންޑިޑޭޓްކަމަށް ކަނޑައަޅާފައި އޮންނަ ކަމަށެވެ.
ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި، ވޯޓު ހޯދާދިނުމަށް މަސައްކަތަކުރުމާއި ވޯޓުދިނުމަކީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީގެ އަސަސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައި ވަނީ ބަޔާންކޮށްފައެވެ.
ފައްޔާޟް އިތުރަށް ވިދާޅުވީ ވަކިން ހަރަކާތެއް ހިންގެވުމުގެ ބަދަލުގައި 39000 މެންބަރުން ޕާޓީއަށް ވެއްދުމަށް ނަޝީދު މަސައްކަތް ކުރެއްވުން ރަނގަޅު ކަމަށެވެ. އަދި މިދިޔަ މެއިމަހުން ފެށިގެން ޕާޓީގެ ސެކްރެޓޭރިއެޓުން އެކަން ކުރަމުންދިޔައިރު ހުރިހާ ދާއިރާއެއްގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ އެއްބާރުލުން ފުރިހަމައަށް ލިބިފައިނުވާކަން ވެސް ފައްޔާޟް ފާހަގަކުރެއްވިއެވެ.