ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި, ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް މެޖިސްޓްރޭޓް ޒިޔާދާ ޠާހިރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ އޭނާގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަން ނިންމީ މި މަހުގެ 8 ވީ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 2 ވަނަ ޖަލްސާއިން ކަމަށާއި, މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.