ޤާނޫނުގައި ބުނާ މިންވަރަށް ޑީއާރްޕީގައި މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމާފައި ވަނިކޮށް, އިތުރު ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމަށް ޑީއާރްޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެެއެވެ.
ޤާނޫނުގައި ބުނާ މިންވަރަށް ޑީއާރްޕީގައި މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވައިލަން ނިންމި ނަމަވެސް އަދި އުވައިލާފައެއް ނުވެއެވެ. ޑީއާރްޕީން ވަނީ އެ ޕާޓީ އުވައިލަން ނިންމި މައްސަލަ މިދިޔަ ހަފުތާގައި ހައި ކޯޓަށް ވެސް ހުށަހަޅާފައެވެ.
ބައެއް މީޑިއާތަކަށް ޖާބިރު ވިދާޅުވެފައިވަނީ އާ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމަށާއި އެ ޕާޓީއަށް ކިޔާނީ ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ.
އަދި އެ ޕާޓީން ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށާއި ސިޔާސީ މަސައްކަތްތަކުގެ އިތުރުން ތިމާވެށްޓާ ގުޅުންހުރި ދާއިރާތަކުން ވެސް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.