ކޯލިޝަނަކާ ނުލައި ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އެމްޑީޕީއަށް ވެރިކަން ހޯދުމުގެ ފުރުސަތު ކުޑައެއް ނޫން ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ރައީސް ޞާލިޙް ވަނީ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ. ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަނަކާ ނުލައި ވެސް ރައީސް ޞާލިޙާއެކު އެމްޑީޕީއަށް ވެރިކަން ހޯދުމުގެ ފުރުސަތު ކުޑައެއް ނޫން ކަމަށާއި ކޯލިޝަނެއް އޮތިއްޔާ މާ ބޮޑަށް ވެސް ފަސޭހަވާނެ ކަމަށެވެ.
”ކޯލިޝަނަކާ ނުލައި ވެސް ދެވަނަ ބުރުން އެމްޑީޕީއަށް ވެރިކަން ހޯދުމުގެ ފުރުސަތު ކުޑައެއް ނޫން ރައީސްގެ ކެންޑިޑެންސީގެ ދަށުން.“
ޝަރީފް ވިދާޅުވީ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި ދެން ތިބި ޕާޓީތަކުގެ ސްޓްރެންތު އެނގޭނީ އޭރުން ކަމަށެވެ. އަދި ސަރުކާރު ހިއްސާވާވަރު ކަނޑައަޅަންޖެހޭނީ އެއަށް ބަލާފައިކަމަށާއި އުފެދޭ އެއްވެސް ކޯލިޝަނެއްގައި %60 އަށްވުރެން އެމްޑީޕީގެ ހިއްސާ ބޮޑުވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.