އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކާމިޔާބު ހޯއްދަވާފައިވާ ކަމަށް އެ މަނިކުފާނާ ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިންތިޚާބުގެ އޮޅުވައިލުންތައް އެއްކިބާކޮށްފިނަމަ ރައީސް ޞާލިޙަށް ވަރަށް ގިނަ ވޯޓު އުނިވާނެ ކަމަށެވެ.
”އެހެނަސް އަޅުގަނޑު ލަފާކުރަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވެދާނެ ކަމަށް.“
ނަޝީދު ވިދާޅުވީ އެހެންނަމަވެސް ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބުނުުކުރެއްވޭނެ ކަމަށެވެ.
“އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި ކަނޑައިލި 39000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި އެ މީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން. ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާަސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން.“
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށެވެ.
ރައީސް ނަޝީދުގެ މެސެޖަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ ނަޝީދުގެ އެ ހުށަހެޅުއްވުމާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ރައީސް ޞާލިޙް މީގެކުރިން ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެއަށް ރައްދު ދެއްވައި މީގެ ކުރިން ޓީވީ ޗެނަލެއްގައި ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީއަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.