އިންޑިއާގެ މަޝްހޫރު އަދި އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ބިލިއަނަރު ގައުތަމް އަދާނީގެ މައްޗަށް އެމެރިކާގެ ކުންފުންޏަކުން އޮޅުވާލުމާއި މަކަރާއި ހީލަތުގެ ތުހުމަތު ކުރުމުން، އަދަނީގެ ކުންފުނީގެ ހިއްސާގެ އަގު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެއްޓި 48 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެއްޖެއެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ”ހިންޑެންބާގް ރިސާޗް“ އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އަދާނީ ގްރޫޕަކީ ސްޓޮކް މެނިޕިއުލޭޝަން އާއި އެކައުންޓް ފްރޯޑްގައި ގިނަ ދުވަސްތަކެއް ވާނދެން ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ. މި ރިޕޯޓަށް ފަހު އަދާނީ އެންޓަޕްރައިސަސްގެ ހިއްސާ ވަރަށް ބޮޑަށް ދަށްވެ، އޭގެ ސަބަބުން 48 ބިލިއަން ޑޮލަރުގެ ގެއްލުމެއް އެ ކުންފުންޏަށް ލިބިފައި ވެއެވެ.
އަދާނީ ގްރޫޕުން ވަނީ އެ ރިޕޯޓަކީ އަސާސެއް ނެތް ތުހުމަތެއްކަމަށް ބުނެފައެވެ.
ހިންޑެންބާގް ރިސާޗުން ޖެނުއަރީ 24 ވަނަ ދުވަހު ނެރުނު ރިޕޯޓުގައި ވަނީ ކެރިބިއަން ގައުމުތަކާއި މޮރިޝަސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އަދާނީ އާއިލާގެ ކޮންޓްރޯލް ކުރާ އޮފްޝޯ ޝެލް ކުންފުނިތައް ލިސްޓްކޮށްފަ އެވެ. ރިޕޯޓުގައިވާ ގޮތުން މި ކުންފުނިތަކަކީ މަކަރާއި ހީލަތާއި މަނީ ލޯންޑަރިން އަދި ޓެކްސް ނުދައްކައި ހިންގާ ތަންތަނެވެ.
ގައުތަމް އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އަރިސް މީހެއް ކަމަށް ބެލެވޭއިރު އޭނާގެ ކުންފުނި އަދާނީ ގްރޫޕަކީ ހަމައެކަނި އިންޑިއާގެ އިތުރަށް އޭޝިއާގެ އެންމެ ބޮޑު އެއް ކޯޕަރޭޓް ކުންފުންޏެވެ.
އަދާނީ އެންޓަޕްރައިސަސް، އަދާނީ ޕަވަރ އަދި އަދާނީ ޕޯޓްސް އެންޑް ލޮޖިސްޓިކްސް، އަމްބޯޖާ ސިމެންތި ފަދަ އެހެން ގިނަ ކުންފުނިތަކަކީ އަދާނީ ގްރޫޕްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ. ދާދި ފަހުން އަދާނީ ގްރޫޕުން ވަނީ އިންޑިއާގެ ބްރޯޑްކާސްޓަރ ”އެންޑީޓީވީ“ ގެ %65 ހިއްސާ ގަނެފައެވެ. އެއީ ސިޔާސީ ގޮތުން ބޮޑު ވަޒީރު މޯދީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި ވިޔަފާރިއެއް ކަމަށް އަޑުއަރާފައި ވެއެވެ.
ހިންޑެންބާގްގެ ރިޕޯޓުގައި ބުނެފައި ވަނީ އަދާނީ ގްރޫޕްގެ ހަތް ކުންފުންޏެއްގެ ބޮޑެތި ދަރަނިތަކެއް ހުރި ކަމަށާއި އެކަމުގެ ސަބަބުން އެ ގްރޫޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ހަތް ކުންފުނީގެ ހިއްސާގެ އަގު އަސްލު އަގާއި 85 ޕަސެންޓާ ނުބައްދަލު ކަމަށެވެ.
އެމެރިކާގެ ބިލިއަނަރު އިންވެސްޓަރު ބިލް އެކްމަން ބުނި ގޮތުގައި ހިންޑެންބާގްގެ ރިޕޯޓަކީ ވަރަށް އިތުބާރު ކުރެވޭ ރިޕޯޓެއް ކަމަށާއި އެއީ ފުން ދިރާސާއަކަށް ފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
އަދާނީ ގްރޫޕްގެ ލީގަލް ހެޑް ޖަތީން ޖަލަންޑްވާލާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިޕޯޓަކީ އިންވެސްޓްމަންޓް ކޮމިއުނިޓީ އޮޅުވާލުމަށް ބޭރުގެ ފަރާތަކުން ގަސްތުގައި ކޮށްފައިވާ ހަގީގަތާ ޚިލާފު ބޮޑު ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓުގެ ސަބަބުން ހިއްސާދާރުންނާއި، އިންވެސްޓަރުންނާއި، އަދާނީ ގްރޫޕަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށާއި ބާޒާރުގައި އުފެދިފައިވާ ހަމަނުޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށާއި އިންޑިއާގެ ރައްޔިތުންގެ މެދުގައި ކުންފުންޏާމެދު ނުރުހުންތެރިކަމެއް އުފެދުނުކަމަށް ބުނެފައިވެއެވެ.
އަދާނީ ގްރޫޕުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދާނީ ގްރޫޕްގެ ކުންފުނިތަކަށް ގެއްލުންދޭން މަސައްކަތް ކުރާ ހިންޑެންބާގް ރިސާޗާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށެވެ.
އިންޑިއާގެ އިދިކޮޅު ކޮންގްރެސްއިން ވަނީ ހިންޑެންބާގްގެ ތުހުމަތުތައް ރިޒާވް ބޭންކް އޮފް އިންޑިއާ އާއި ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާ (ސެބީ) އިން ތަހުގީގު ކުރުމަށް ބާރުއަޅައި ވާހަކަދައްކާފައެވެ.
އަދާނީ ގްރޫޕަށް މަކަރާއި ހީލަތުގެ ތުހުމަތު ކުރެވުމާ ގުޅިގެން ކުންފުންޏަށް 48 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބި ދުނިޔޭގެ އެންމެ މުއްސަނދީންގެ ލިސްޓުގެ 3 ވަނައިގައި އޮތް ގައުތަމް އަދާނީ ވަނީ މިހާރު ލިސްޓުގެ 7 ވަނައަށް ވެއްޓިފައެވެ.