އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ގްވާލިއަރ ސިޓީ ކައިރީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި ބައިވެރިވި އިންޑިއާގެ ވައިގެ ސިފައިންގެ ދެ ފަޔަރ ޖެޓް ވެއްޓި ޕައިލެޓަކު މަރުވެއްޖެއެވެ.
ނޫސް އެޖެންސީ ”އޭއެފްޕީ“އިން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު ގްވާލިއަރ އެއާޕޯޓުން އެ ދެ ބޯޓު އުދުހިގެން ދިޔަތާ، ކުޑައިރުކޮޅެއް ފަހުން ލިބުނީ އެ ދެ ބޯޓު ވެސް ވެއްޓުނު ޚަބަރެވެ.
ވެއްޓުނު އުދުހޭ ބޯޓުތަކުގެ ތެރެއިން އެއް ބޯޓަކީ ރަޝިޔާގައި އުފައްދާފައިވާ ސުޚޯއީ ސޫ-30 މަރުކާގެ ބޯޓެކެވެ. އެއީ ދެ ޕައިލެޓުން ދުއްވާ ބޯޓެކެވެ. ވެއްޓުނު ދެވަނަ ބޯޓަކީ ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މިރާޖް 2000 މަރުކާގެ ބޯޓެކެވެ. އެއީ އެންމެ ޕައިލެޓަކު ދުއްވާ ބޯޓެކެވެ.
އިންޑިއާގެ ވައިގެ ސިފައިން ބުނި ގޮތުގައި ދެ ބޯޓު ވެސް ވެއްޓުނީ ގްވާލިއަރ ކައިރިއަށެވެ. ދެ ބޯޓު ވެސް ދުއްވާފައި ދިޔައީ އާދައިގެ މަތިން ބާއްވާ ތަމުރީނު ދަތުރެއްގައެވެ.
ވައިގެ ސިފައިންގެ އިސް ބޭފުޅަކު ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ހިންގުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި އެކަން މިހާރު ކުރިއަށް އެބަދާކަމަށެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ސުޚޯއީ ސޫ- 30 މަރުކާގެ ބޯޓުން ދަތުރުކުރި ދެ ޕައިލެޓުންގެ ފުރާނަ ސަލާމަތްވިއެވެ. އެ މީހުންނަށް ލިބުނީ ކުދިކުދި ހާނީއްކަ ތަކެކެވެ. މިރާޖް 2000 ގެ ޕައިލެޓަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި މަރުވެފަ އެވެ.
މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝޯރާޖް ސިންގް ޗޯހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިގެ ސިފައިންނަށް އެހީތެރިވެދީ އެއްބާރުލުން ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ މީގެކުރިން ވެސް އިންޑިއާގައި ހަނގުރާމައަށް ބޭނުންކުރާ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް އެކިއެކި ހާދިސާތަކުގައި ވެއްޓިފައި ވާކަމެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަރޫނާޗަލް ޕްރަދޭޝް ސްޓޭޓްގައި ޗައިނާ ސަރަހައްދު ކައިރިއަށް ހެލިކޮޕްޓަރެއް ވެއްޓި ސިފައިންގެ ފަސް މީހުން މަރުވެފައި ވެއެވެ. ހަމަ އެ މަހު އަރޫނާޗަލް ޕްރަދޭޝްގެ ޓޫންގް ސަރަހައްދުގައި ވެސް ޗީޓާ ހެލިކޮޕްޓަރެއް ވަނީ ވެއްޓިފައެވެ. އެ ހާދިސާގައި ޕައިލެޓް މަރުވިއެވެ.
ރަޝިޔާގައި އުފެއްދި އެމްއައި-17 ހެލިކޮޕްޓަރެއް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެއްޓި އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ހިމެނޭ ގޮތަށް 13 މީހުން މަރުވެފައި ވެއެވެ.