ޕާކިސްތާން ސަރުކާރުން ލޯނު ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ފަހަތުން އާދޭސް ކުރަމުން ދުވަމުން ދާއިރު ލޯނު ލިބެން އޮތީ ހަރުކަށި ޝަރުޠުތަކެއް ސަރުކާރުން ގަބޫލު ކުރުމުންނެވެ. އައިއެމްއެފްގެ ޝަރުޠުތައް ސަރުކާރުން ގަބޫލުކޮށްފިނަމަ ކާޑާއި ބޭހާއި ތެލާއި ގޭސްފަދަ އަސާސީ އަދި ބޭނުންތެރި އެއްޗެތީގެ އަގު ބޮޑުކުރަން ޖެހެއެވެ. އެކަމުން ރައްޔިތުންނަށް ކުރިމަތިވާނީ ބޮޑު ވޭނެކެވެ. މުދަލުގެ އަގު ބޮޑުވެ އަތްމަތި ދަތިވުމެވެ. ނަމަވެސް ގައުމު ބަނގުރޫޓުވުމުން ސަލާމަތް ކުރުމަށް އައިއެމްއެފުން ލޯނު ނެގުން ވަނީ މަޖުބޫރުވެފައެވެ.
އަމިއްލަ ގައުމުގެ ފައިސާގެ އަގު އިންތިހާއަށް ދަށްވެ މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ޕާކިސްތާނުން ވަނީ ދަރަނި ފައިސާ ދެއްކުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ކަނޑައަޅާފައިވާ ހަރުކަށި ޝަރުޠުތައް ބަލައިގަންނާނޭ ކަމުގެ އިޝާރާތް ކޮށްފަ އެވެ.
ޕާކިސްތާނުގެ ފައިސާ، ރުފިޔާގެ އަގު މިދިޔަ ހަފުތާ ނިމުނު އިރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެންމެ ޑޮލަރެއްގެ އަގު ވަނީ 230 ރުފިޔާގައެވެ. ޑޮލަރެއްގެ އަގު 255 ރުފިޔާއަށް ވެސް މި މަހު އަރައިގެން ދިޔައެވެ.

ވާރޭވެހި ފެން ބޮޑުވުމާއި، ބަލިމަޑުކަމާއި، ޕެޓްރޯލް އަގުބޮޑުވުމުގެ ސަބަބުން، ޕާކިސްތާނުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހި މާޔޫސް ވެފައެވެ.
މިހާރު ވަރަށް ގިނަ ބަޔަކު ކުރަމުންދާ ސުއާލަކީ ސްރީ ލަންކާއަށް ޖެހުނު ހާލު ޕާކިސްތާނަށް ނުޖެހޭނެ ހެއްޔެވެ؟ ޕާކިސްތާނު ބަނގުރޫޓު ނުވާނޭ ހެއްޔެވެ؟
އައިއެމްއެފްއާ އެކު އެއްބަސްވެފައިވާ ހަ ބިލިއަން ޑޮލަރުގެ ލޯނު ޕާކިސްތާނަށް އިންތިހާއަށް ބޭނުންވެ އެވެ. އަދި ގައުމު ބަނގުރޫޓުވުމުން ސަލާމަތް ކުރުމަށްޓަކައި ވަގުތުން 1.1 ބިލިއަން ޑޮލަރު ހޯދަން އެބަޖެހެއެވެ. މިކަމާ ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު މަޝްވަރާ ކުރުމުގެ މަރުހަލާ މިދިޔަ މަހުން ފެށިގެން ކުރިއަށް އެބަދެއެވެ.
އިގުތިސާދީ މާހިރެއްކަމުގައިވާ އަޙްސަން ރަސޫލް ވިދާޅުވި ގޮތުގައި ރުފިޔާގެ އަގު ދަށްވުމުން ދޭހަވަނީ ބެއިލްއައުޓް ޕެކޭޖުގެ ދެން އޮންނަ އިންސްޓޯލްމަންޓް ދެއްކުމަށް ކަނޑައަޅާފައިވާ ޝަރުޠުތައް ސަރުކާރުން ފާސްކުރަން އުޅޭކަމެވެ.
ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ބުދަ ދުވަހު ރަސްމީކޮށް ވިދާޅުވެފައި ވަނީ ބެއިލައުޓް ޕެކޭޖުގެ ދެން އޮންނަ އިންސްޓޯލްމަންޓަށް ހަރުކަށި ޝަރުތުތައް ގަބޫލުކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
ޕާކިސްތާނަށް މިދުވަސްވަރު ކުރިމަތިވެފައިވަނީ ވަރަށް ބޮޑު އިގުތިސާދީ އަދި މާލީ ދަތިކަމެކެވެ. ފޮރިން އެކްސްޗޭންޖް ރިޒާވް އޮތީ އެންމެ ދަށް ފެންވަރުގަ އެވެ. ގައުމު ބަނގުރޫޓުވެދާނެ ކަމުގެ ބިރު ގައުމީ ފެންވަރުގައި އެބައޮތެވެ.
ބޮޑު ވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރުން ގައުމުގެ މިހާރުގެ ހާލަތުގެ ޒިންމާ އަޅުވަނީ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސަރުކާރުގައެވެ. ސަރުކާރު ހިންގާ ޕާޓީން ބުނަނީ ގައުމަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ހާލަތަށް ޒިންމާ ވާން ޖެހޭނީ ކުރީގެ ސަރުކާރު ކަމަށެވެ. ގައުމަށް މާލީ އަދި އިގުތިސާދީ މުސީބާތް ކުރިމަތިވީ ކުރީގެ ސަރުކާރުގެ ނިކަމެތި އަދި ދޯދިޔާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޮޑު ވަޒީރު ޢިމްރާން ޚާންގެ ”ޕާކިސްތާން ތަހްރީކް އިންސާފް“ ޕާޓީގެ ސަރުކާރު ވަނީ އިތުބާރު ނެތް ކަމަށް ބުނެ ވައްޓާލާފައެވެ. އޭގެ ފަހުން ޕާކިސްތާނުގެ މާލީ އަދި އިގުތިސާދީ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އަޑިއަޅަމުންނެވެ. އެމެރިކާ ޑޮލަރާއި އަޅައި ބަލާއިރު ޕާކިސްތާނު ރުފިޔާގެ އަގު ދަނީ އިންތިހާއަށް ދަށަށެވެ. ސިޔާސީ ގޮތުން ގައުމު ދަނީ ހަލަބޮލިވަމުންނެވެ. ޕާކިސްތާނުގެ ރައްޔިތުން ތިބީ ބޮޑު މުސީބާތެއްގެ ތެރޭގައެވެ. ޑޮލަރުގެ އަގު އުޑާ ހަމަޔަށް އުފުލިގެން ގޮސް ޕާކިސްތާނުގެ ރުފިޔާގެ އަގު ވަނީ ވެއްޔާ މޮޑެވިފައެވެ. ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.
ރައްޔިތުން އަވަސް ހައްލަކަށް އެދެމުން ދާއިރު ސަރުކާރުން ނާށިގަނޑު ހިފައިގެން ދުވަނީ މުއްސަދި ގައުމުތަކުގެ ފަހަތުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ފަހަތުންނެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވީ ސްރީ ލަންކާއަށް ޖެހުނު ހާލު ޕާކިސްތާނަށް ވެސް ކުރިމަތި ވެދާނޭ ކަމަށެވެ.