ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މިދިޔަ އަހަރު މަސައްކަތް ކުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ދޭން ޖެހޭ ފައިސާ ދައްކަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން އެންގި ގޮތަށް އެ ފައިސާ ދައްކައިފިއެވެ.
ގައުމީ ޓީމުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިމާއޯ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ސިމާއޯ އަށް މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން ނުލިބި ހުރި މުސާރަ އަށް ވާ ފައިސާ ހޯދަން، އޭނާގެ ފަރާތުން މައްސަލަ، ފީފާ އަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ސިމާއޯ އަށް ދޭން ޖެހޭ މުސާރަ އަށް ވާ 35،000 ޑޮލަރު ދައްކަން އެފްއޭއެމަށް ފީފާއިން ދިނީ 45 ދުވަހުގެ މުއްދަތެވެ.
ސިމާއޯ، ވަނީ އޭނާ އަށް ފައިސާ ދީފައިވާކަމަށް މީޑިއާގައި ބުނެފައެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުން ވަކިވުމަށް ފަހު ސިމާއޯ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް ކަމަށް ބުނެ، ގިނަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އެ ޕޯސްޓްތަކުގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަންގެ އިދާރީ ހިންގުމާއި އެހެނިހެން ކަންކަމަށް ވެސް ފާޑުކިޔައިފައިވެ އެވެ. އެކަމަކު، ފަހުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި ހުރިހާ އެއްޗެއް ޑިލީޓްކޮށްލައިފައެވެ.
ގައުމީ ޓީމު އެންމެ ފަހުން، ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުުޅުނު މެޗުތަކުގައި ނަތީޖާ އާއި ކޯޗު މޮރިއޭރޯ އަށް ފާޑުކިޔުމަށް ވެސް ސިމާއޯ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ވިސްނުންތަކެއް ހިއްސާކޮށްފަ އެވެ.
މިދިޔަ ދެތިން އަހަރެއްހާ ދުވަހު ގައުމީ ޓީމުތަކަށް އިރުޝާދުދިން އެކި އޮފިޝަލުން ވަނީ މުސާރަ ނުލިބޭ މައްސަލައިގައި ފީފާ އަށް އެކަން ހުށަހަޅައިގެން ކާމިޔާބު ހޯދައިފައެވެ