ހިންދީ ފިލްމީ ކަންތައްތައް ދިރާސާ ކުރާ ތަރަން އަދަރުޝް ބުނި ގޮތުގައި ޝާހު ރުޚް ޚާންގެ ”ޕަޓާން“ ދައްކައިގެން ފުރަތަމަ ދުވަހު އެކަނި ވެސް 50 ކްރޯޑް ރުޕީސް އަށް ވުރެ ގިނަ ފައިސާ ލިބިއްޖެއެވެ. މިއީ މުޅިން އައު ރެކޯޑެކެވެ.
އާދަޔާ ޚިލާފަށް ގިނަ ބަޔަކު ފިލްމު ބަލަން ބޭނުން ވާތީ ފިލްމު އަލަށް އެޅުވީ ފަތިހުގެ ވަގުތެއްގައެވެ. އަދި ހެނދުނާއި މެންދުރުފަހާއި ރޭގަނޑުގެ އިތުރަށް މެންދަމު ވެސް ބައެއް ސަރަހައްދު ތަކުގައި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
”ޕަޓާން“ގައި ހައްދުފަހަނަޅާފައިވާ ހިންދޫން ހިތްހަމަ ނުޖެހޭ މަންޒަރުތަކެއް ހުރިކަމަށް ބުނެ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވިޔަސް، ބައެއް ފަރާތްތަކުން ބުނެފައި ވަނީ ފިލްމު އެޅުވީ އެއްވެސް ބަދަލެއް ނުގެނެސް ކުރިން ވެސް ހަމަ އޮތް ގޮތަށްކަމަށެވެ. ”ޕަޓާން“އަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި ފިލްމުގެ އެންމެ މުހިއްމު ލަވަ ”ބޭ ޝަރަމް ރަންގް“ގައި ނިވައިކަން ކުޑަ ހެދުމެއްގައި ދީޕިކާ ނެށިއިރު ހިންދޫން މާ މުގައްދަސް ކުލައެއް ކަމަށް ދެކޭ ކުލައެއްގެ ފޮތިކޮޅެއް ބޭނުންކޮށްފައިވާތީ އެވެ. ފިލްމަށް ފާޑުކިޔަމުން ދިޔަ ބައެއް ހިންދޫން ވަނީ ޝާހް ރުޚް ޚާން ދިރިހުއްޓާ އަންދާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ހަރުކަށި ފިކުރުގެ މީހުން ޝާހް ރުޚް ޚާންއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އެ ފިލްމް ބަލަން ނުދިއުމަށް ގޮވާލާފައި ވެއެވެ. އަދި ފިލްމު އަޅުވައިފިނަމަ މުޅި ގައުމުގައި މުޒާހަރާ ފަށާނެ ކަމުގެ އިންޒާރު ދިނެވެ.
ހަރުކަށި ފިކުރުގެ މީހުންގެ މުޒާހަރާތަކަށް ފަހު ފިލްމު ސެންސަރު ބޯޑުން ”ޕަޓާން“ގެ ޓީމަށް ނަސޭހަތްތެރިވީ ”ބޭ ޝަރަމް ރަންގް“ ލަވައަށް ބަދަލު ގެނެސް އަދި ބައެއް އެހެން މަންޒަރުތައް ކަނޑާލުމަށެވެ.
”ޓައިމްސް އޮފް އިންޑިއާ“ އިން ބުނި ގޮތުގައި ފިލްމު އެޅުވީ ކަނޑާލަން ލަފާ ދިން މަންޒަރުތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތިއެވެ.
ފިލްމު ދައްކަން ފެށިފަހުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ ސިނަމާތަކުގެ ބޭރުގައި މުޒާހަރާތަކެއް ކުރި ކަމަށް ރިޕޯޓް ކުރެވުނަސް އިންޑިއާގެ މީހުން ޝާހް ރުޚް ޚާންގެ ފިލްމުގެ އަގުވަޒަންކޮށް ފިލްމުގެ ޓިކެޓު ގަތުމަށް ހުރިހާ ސިނަމާތަކެއްގައި ވެސް ސަފުހަދާފައި ވެއެވެ.
ފިލްމު ބެލި ގިނަ މީހުން ވަނީ ފިލްމަށް ތައުރީފުކޮށް ފިލްމުގައި ހައްދުފަހަނަޅާފައިވާ ހިންދޫން ފާހަގަކުރާ ފަދަ މައްސަލައެއް ނެތްކަމަށް ބުނެފައެވެ.
ފިލްމީ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ”ޕަޓާން“ ދައްކައިގެން މުޅި ދުނިޔެއިން ހަފުތާއެއްގެ ތެރޭ 300 ކްރޯޑް ރުޕީސް ލިބޭނެ އެވެ.