އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު މާލެއަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަތީ މިއަދު 14:00 ހާއިރުއެވެ.
ސަޕޯޓަރުންނާއެކު ބޭއްވެވި ޖަލްސާއަށްފަހު މިހާރު އެ މަނިކުފާނު ވަނީ މާލެއަށް ވަޑައިގެންފައެވެ.
ފުވައްމުލަކުގައި ސަޕޯޓަރުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ އަންނަ ނޮވެމްބަރު މަހުގައި ފުވައްމުލަކުގައި ރިޒޯޓެއް ހެދުމުގެ މަަސައްކަތް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
މީގެއިތުރުން ދެން އޮތް ފަސް އަހަރުތެރޭގައި ފުވައްމުލަކު ރައްޔިތުންގެ ޢާމްދަނީ ދެގުނަ ކޮށްދެއްވާނެ ކަމަށް ވެސް ވަޢުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ނަޝީދު އެމްޑީޕީއަކީ ރައްޔިތުންގެ ޢާންމު ހާލަތު ރަނގަޅު ކުރާނެ ޕާޓީ އެކަން ކުރުމަށްޓަކައި ރައްޔިތުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
“ނޮވެމްބަރުމަހުގައި އުފެދޭ ސަރުކާރުން އުޅެންޖެހޭނީ ޖީބަށް ޑޮލަރެއް ލައިދެވޭތޯ. ޖީބަށް އިތުރު ރުފިޔާއެއް ލައިދެވޭތޯ.“ ވާހަކަފުޅު ނިންމަވައިލައްވަމުން ނަޝީދު ވިދާޅުވިއެވެ.