ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ރަހުނަކާ ނުލައި ދޫކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް، ރަހުނަކާ ނުލައި 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރު ކުރިކަން ބީއެމްއެލްއިން ހާމަކުރީ މިއަދުއެވެ.
ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ “ބީއެމްއެލް ލުއި ލޯނު“ ގެ ގޮތުގައި ކަމަށެވެ.
އަދި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެ ކަމަށާއި, މި ބަދަލާއެކު ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޕޯޓްފޯލިއޯއަށް ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ އަމިއްލަ ބޭނުންތަކަށް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައި ކަމަށާއި، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ޚިދުމަތެއް ދިނުމަށް އަބަދުވެސް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމުގައެވެ.
”އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް, އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފަ. ބީއެމްއެލްއަކީ ދިވެހިން ޚިޔާރުކުރާ ބޭންކަށްވީ ހިނދު ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން.“
ބީއެމްއެލްއިން ބުނީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ ކަމަށާއި ފަސް ދުވަހުގެތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.