ކޯލިޝަނެއް ހައްދަވާ ކަމަށް ވިދާޅުވާނަމަ ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ހާމަކޮށްދެއްވަންޖެހޭ ކަމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ހޮވިވަޑައިގެންފިނަމަ ކޯލިޝަނެއް އެކުލަވައިލަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ކޯލިޝަނަކާ ނުލައި އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ދަތިކަމަކަށްވާނެ ކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވައެވެ.
ކޯލިޝަނަކާ ނުލައި އިންތިޚާބު ކާމިޔާބުކުރަން ގޮންޖެހުންތަކެއް އެބަހުރިކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވެސް ވަނީ ވިދާޅުވެފައެވެ.
އިބްރާ ވިދާޅުވީ ކޯލިޝަނެއް ހައްދަވާ ކަމަށް ވިދާޅުވާނަމަ ކޯލިޝަނުގައި ހިމެނޭ ފާޓީތައް ހާމަކޮށްދެއްވަންޖެހޭ ކަމުގައެވެ.
”ކޯލިޝަނެއް ހަދާނެކަމަށް ބުނާނަމަ ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ވެސް އެނގެންވާނެ. ކާޅު ހާއްޔަށް ކޮވެލި ބިސް އަޅަން ދޭއިރު, ބިސް އަޅާނީ ކޮން ކޮވެލިތަކެއްކަން އެނގެންޖެހޭ.“
އިބްރާ ވިދާޅުވީ 2008 ގައި ވެސް އެމްޑީޕީން މަސައްކަތް ކުރީ އެ ގޮތަށް ކަމަށާއި, ފުރަތަމަ ބުރަށް ދިޔައިރު ވެސް ޕްރައިމަރީ ބޭއްވިއިރު ވެސް އެނގޭ ކޯލިޝަނުގައި ތިބި ޕާޓީތައް އެނގޭ ކަމަށެވެ.
”28 ގެ ކުރިން ދެ ކެންޑިޑޭޓުން ވެސް އެކަން ހާމަކުރައްވަންވާނެ.“
މި މަހުގެ 28 ވަނަ ދުވަހުގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙް ކޯލިިޝަނަކާއެކު ކުރިއަށް ވަޑައިގަތުމަށް ނިންމެވި ނަމަވެސް އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު އެއާ ތަފާތެވެ.