މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި, ބްލޮގަރު ޔާމީން ރަޝީދު މަރުގެ މައްސަލައާ ގުޅިގެން ދަޢުވާކޮށްފައިވާ ތިން މީހުންގެ ޝަރީޢަތް ކެންސަލްކޮށްފިއެވެ.
މި ދެ މައްސަލައިގައި މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ގައި ހައްޔަރުކުރީ މއ.ފާގަފިލާގޭ އަޙްމަދު އިސްމާޢީލް (އަހަނދު) އާއި, މ.ލެގޫންވިއު އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި، ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒު (ގަޓު މުއާ) އެވެ.
އެ ތިން މީހުން މިހާރު ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ ތިން މީހުންގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތް ފަށާަފައިވާއިރު އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން މިއަދަށް ތާވަލުކުރި ނަމަވެސް އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އަޑުއެހުން ކެންސަލް ކުރީ އަލަށް އަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނާ އެއްގޮތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދަޢުވާއެކެވެ.
އަހަނދުގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދެ ދަޢުވާއެވެ. ނަަމަވެސް ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ އެއް ދަޢުވާއެވެ.