އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޗޮއިސްއަކަށް ނުވަނީ ކުރީގެ ތާރީޚު އަނބުރާ އިޢާދަވުމަށް ނޭދޭތީކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މި މަހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުނު ފަހުން ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އަންނަ ޒައިދު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގެ އަހަރުތަކަކީ ހަމަނުޖެހުންތައް އިިިތުރުވެ، ޤައުމު ބައިބައިވެގެންދިޔަ އަހަރުތަކެއް ކަމަށެވެ. އެ ގޮތުން އެ ތިން އަހަރަށް އެނބުރިދާކަށް ދިވެހި ޤައުމުގެ ގިނަ އަފުރާދުން ނޭދޭ ކަމަށެވެ.
”އެ 3 އަހަރަކީ ޤައުމު ބައިބައިވެ، ހަމަނުޖެހުން ބޮޑު, މަގުމަތި ހަލަބޮލި ގިނަ ގޮންޖެހުންތަކެއް ދިމާވިޒަމާނެއް. މިހެން މިކަން އޮތުމުން އެ ތާރީޚު އަނބުރާ އިޢާދަވުމަށް ނޭދޭތީ ދަންނަވަންޖެހެނީ ރައީސް ނަޝީދަކީ ޗޮއިސްނޫން ކަމުގައި.“
ޒައިދު ވިދާޅުވި ގޮތުގައި ނަޝީދު ހޮވައިފިނަމަ ޤައުމު ދާނީ ފަހަތަށެވެ.
”އަޅުގަނޑު ބުނީ ރައީސް ހޮވައިފިނަމަ ޤައުމު ދާނީ ވަރަށް ބޮޑަށް ފަހަތަށޭ. މިހެން ބުނެގެން ރައީސް ނަޝީދުގެ ސަޕޯޓާސް އަޅުގަނޑުދެކެ ރުޅިއަތުވެދާނެ. ވ ލޮޖިކަލް. ނަމަވެސް މީގައި ހައިރާންވަނީ ޕީޕީއެމް (ބައެއް) ބޭފުޅުން އޮފެންޑްވާތީ. މަޝްވަރާ ބައްދަލުވުމުގެ ޕިކްއެއް ލީމާވެސް ބައެއްބޭފުޅުން އެބަ އޮފެންޑްވޭ.“
ނަޝީދަށް ފާޑުވިދާޅު ޝައިޚް ޒައިދު ވާހަކަ ދައްކަވަމުން ގެންދަވާއިރު ޑރ.މުޙައްމަދު އިޔާޟް ވެސް ގެންދަވަނީ ވަރަށް ބޮޑަށް ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އިޔާޟް ވިދާޅުވި ގޮތުގައި ނަޝީދަށް ދެވަނަ ފަހަރަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށްވުރެ ނުބައިކަންތައް ފެނިގެން ހިނގައިދާނެއެވެ.