އައްޑޫ ސިޓީގެ ރައްޔިތުންނަށް ގޯތި ދޭނީ އެމަނިކުފާނު ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދަންވަރުގެ ވަގުތެއްގައި އައްޑޫގެ ތިން ރަށަކުން 500 ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން މަރަދޫފޭދޫގެ އެމްޑީޕީ ޖަގަހައިގައި ރޭ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އިންތިޚާބާ ދިމާކޮށް ކަޑަ ޖެހި ނަމަވެސް އަދި އެވެނިމިވެނި އެއްޗެއް ދެއްވާނެ ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވި ނަމަވެސް އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ރައްޔިތުންނަށް އެނގޭ ކަމަށެވެ.
”މިބާވަތުގެ ދަޅަދެއްކުމާއި އަނދުން އެޅުވުން ރައްޔިތުންނަށް އޮޅުވައިލެވޭނެ ކަމަށް ހީކޮށް ރައްޔިތުންގެ ގާތުގައި އެފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ނާތަހުޒީބުކަމެއް. ޑިމޮކްރަސީގެ މުޅި ރޫހާ ޚިލާފުކަމެއް. އަޅުގަނޑުމެންގެ ޕާޓީގެ އަސާސްތަކާ އެކީއެކައްޗަށް ފުށުއަރާ ކަމެއް.“
”ގޯތި ދޭކަށެއް ނޫޅޭ. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި ތިޔަ ބޭފުޅުންނަށް ގޯތި ލިބޭނެ.“
ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ޙަޤީޤީ އެއްޗެއް ލިބޭން އޮތީ އިންތިޒާމުވެގެން ރޭވިގެން ތާރީޚުތަކެއް ކަނޑައެޅި މުއްދަތުތަކެއް ދީގެން ހިންގާ މަސައްކަތްތަކުން ކަމަށެވެ.