އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކަށް ޕީޕީއެމްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕާޓީތަކުން އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން އުޅޭކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ހީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކަށް ޕީޕީއެމްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އިދިކޮޅުގެ ހުރިހާ ފޯކަސްއެއް ހުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިއްވި ”ހަރާމް ހުކުމުން“ މިނިވަންކުުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
”ސޮރީ. އެމްޑީޕީގެ ޕްރައިމަރީއަކަށް އިދިކޮޅުގެ އެއްވެސް ޝައުގެއް ނެތް. އިދިކޮޅުގެ ހުރިހާ ފޯކަސްއެއް ހުރީ ރައީސް ޔާމީނަށް ކުރި ހަރާމް ހުކުމުން މިނިވަންކުުރުމަށް. އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ރައީސް ޔާމީންގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް.“
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ.މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ޕްރައިމަރީ އޮންނަ ދުވަސް ގާތްވަމުން އަންނައިރު ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތަކެއް [ސިޔާސީ ޕާޓީތައް] ޖެހެމުންދާ ކަމަށާއި އެކަމާ ވިސްނަންޖެހޭ ކަމަށެވެ.
ބައެއް ރަށްރަށުން އެކަން ފެންނަމުންދާ ކަމަށާއި އެ މީހުންގެ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
”ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާ ވެސް އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ އެތިބީ.“ ރައީސް ޞާލިޙް ވިދާޅުވިއެވެ.