އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިިކުފާނުގެ ވާދަވެރިން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފަންވާނެކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން މަރަދޫފޭދޫގެ އެމްޑީޕީ ޖަގަހައިގައި ރޭ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެ ރަށުން ފައިސާ ބަހަން އުޅެނީ ކޮންބައެއް ކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި ފައިސާގައި ހިފަންވާނެ ކަމަށެވެ.
”އެއްވެސްމީހެއްގެ ރިޒުގުގައި އަތްލާކަށެއް އަޅުގަނޑު ބޭނުމެއް ނޫން. ވޯޓު ގަތުމަށް އަޅުގަނޑުމެންގެ ވާދަވެރިން ތިބޭފުޅުންނަށް ފައިސާ ދެއްވާނެ. އަޅުގަނޑަށް ފެންނަނީ އެ ފައިސާގަ ހިއްޕަވަން. ދެބައިކުޅަ އެއްބައި ނަމަވެސް ސެޕްޓެމްބަރު ނުވައެއްގެ އިންތިޚާބަށް އަޅުގަނޑުމެންނަށް އަލުން އަނބުރާ ދެއްވުން ވަރަށް ބޮޑަށް އެދެން އަޅުގަނޑަށް. އެހެންވީމަ ތިބޭފުޅުން ފައިސާގަ ހިއްޕަވާ.“
”10,000 ދެއްވަން އުޅެންޏާ ވިއްސޭ ވިދާޅުވެ އެވަރު ނަންގަވާ.“
ނަމަވެސް ފައިސާ ބަހަން އުޅެނީ ކޮން ބައެއް ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.
”ނަޝީދު ވިދާޅުވީ އިރާދަކުރެއްވިއްޔާ މި އިންތިޚާބުން މި ތިބީ އަޅުގަނޑުމެން މޮޅުވެފައި“ ކަމަށާއި ދެން މަސައްކަތް ކުރަންޖެހޭނީ ރިޔާސީ އިންތިޚާބަށް ކަމަށެވެ.