ކ.ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމާ ގުޅިގެން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައިގައި އެ ދެ އުޅަނދުގެ ވެރި ފަރާތް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނީ މިދިޔަ އަހަރުގެ ޖުލައި 23 ގައި ވާވެއްދިފަރަށް އެ ދެ އުޅަނދު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކާ ގުޅިގެން 100,000,000 ދިވެހި ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި, 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މި މަހުގެ 22 ގައި އަންގާފައިވާ ކަމަށެވެ.
“މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީން ވަނީ 13 އޮގަސްޓް 2022 ގައި އެ ސަރަހައްދަށް ގޮސް ސާވޭކޮށްފައި. އަދި އެ އުޅަނދުގެ ވެރި ފަރާތުން ކުރި ސާވޭގައި މި އެޖެންސީގެ ފަރާތުން ވަނީ އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެފައި. މިގޮތުން ބެލިބެލުމުން އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި.“
އީޕީއޭއިން ބުނީ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 148,381,500 ރުފިޔާ ކަމަށާއި, ނަމަވެސް ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައިވާތީ 100 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި އެެޖެންސީއަށް ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.