އެސް ޕްރޮޑަކްޝަންސް އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް “ލޯބިވެވިއްޖެ“ ގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފިއެވެ.
ފިލްމްގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި މި މަހުގެ 24 ވަނަ ދުވަހު ހަވީރު ސޮލައިޓް ރެސްޓޯރަންޓްގައި ބޭއްވި ޙާއްސަ އިވެންޓެއްގައި އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ޢަމްރު އެވެ.
މި ފިލްމް މެއި 3 ގައި އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފިލްމަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅެފައިވާ އެއްޗެކެވެ. އަންނަ މަހުގެ 6 ގައި އޮލިމްޕަހަށް ގެންނަ ”ބީވީމާ“ ގެ ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ”ލޯބިވެބިއްޖެ“ ގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

މާލެ އާއި ގދ. ތިނަދޫގެ އިތުރުން ސްރީ ލަންކާގައި ވެސް މަންޒަރުތަކެއް ނަގާފައިވާ ފިލްމުގެ ކާސްޓްގައި އަހުމަދު އީސަ (އާނަންދު) އާއި އަހުމަދު ނިމާލާއި އިރުފާނާ އިބްރާހީމާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އައިޝަތު ނިޝާ އާއި އިބްރާހީމް ޝާފިއު (ފުބޫ) ފަދަ ތަރިން ހިމެނެ އެވެ.
މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައެވެ. ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާ އެވެ.