ޝާހު ރުޚް ޚާންގެ އެންމެ ފަހު ފިލްމު ”ޕަޓާން“ ދައްކަން ފެށުމުގެ ކުރިން އެ ފިލްމުގެ ޓިކެޓު ގިނަ އަދަދަކަށް ވިކި 20 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެއެވެ.
ހިންދީ ފިލްމީ ދުނިޔޭގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޝާހް ރުޚް ޚާންގެ ފިލްމު ”ޕަޓާން“ އަކީ ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އިތުރަށް ދެކުނު އިންޑިއާގެ އެކި ބަސްބަހުން ވާހަކަދައްކާ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފިލްމަކަށް ވާނޭކަމަށް ފިލްމު ދިރާސާ ކުރާ މީހުން ވަނީ ލަފާކޮށްފައެވެ.
ހަތަރު އަހަރަށް ފަހު ޝާހް ރުޚް ޚާން އަނެއްކާވެސް ބޮޑު ސްކްރީނަށް އަންނަނީ ޔާޝް ރާޖް ޕްރޮޑަކްޝަންގެ ފިލްމަކުންނެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި އޮންލައިންކޮށް މިހާތަނަށް ”ޕަޓާން“ގެ މިލިއަނަކަށްވުރެ ގިނަ ޓިކެޓު ވަނީ ވިކިފައެވެ.
މިއީ ހެނދުނު 6 ޖަހާއިރު ދައްކަން ފަށާ ޝާހް ރުޚް ޚާންގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ލަވައެއްގެ ބައެއް މަންޒަރުތަކާއި ފިލްމުގެ އެހެން ބައެއް މަންޒަރުތަކާ މެދު ހައްދުފަހަނަޅާފައިވާ ހިންދޫން ހިތްހަމަ ނުޖެހިގެން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން ފެށުމުން ބައެއް މަންޒަރުތައް ވަނީ ބަދަލުކޮށްފައެވެ.