ޔޫކްރޭންގެ މަތީ މަގާމުތަކުގައި ތިއްބެ ބައެއް އިސްބޭފުޅުން އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކާ ކުރިމަތިލުމުގައި މުޖުތަމައު އެދޭ ގޮތަށް ކަންތައްތައް ގެންދަން ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ބޭނުންފުޅުވާތީ އެ ގޮތަށް ކަންތައްތައް ގެންދަން ރައީސަށް މަގު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށް ވެއެވެ.
ޚަބަރު ލިބެމުން ދާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބޮޑެތި ބަދަލުތަކެއް ޔޫކްރޭނަށް އަންނާނެއެވެ.
ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި އެ ގައުމަށް އަރައިގަތްތާ އެއް އަހަރު ފުރެންދާއިރު ގައުމަށް ޢަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އިދާރީ ގޮތުން ވަނީ ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައެވެ.
ޔޫކްރޭންގެ ޕްރޮސިކިއުޓާ ޖެނެރަލްގެ ނާއިބާއި ރައީސް އޮފީހުގެ ޑެޕިއުޓީ ޗީފާއި ދިފާއީ ވަޒީރުގެ ނާއިބާއި އެހެން ބައެއް ބޭފުޅުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހު ރައީސް ޒެލެންސްކީ ކުރެއްވި އިޝާރާތަކާ ގުޅިގެންނެވެ.
ރައީސް ޒެލެންސްކީގެ ސީނިއާ މުޝީރު މައިކައިލޯ ޕޮޑޮލިއަކް ވިދާޅުވީ ރައީސް ދަނީ އާންމުންގެ މުހިންމު އެދުންތަކާ އެއްގޮތަށް ފިޔަވަޅު އަޅުއްވަމުންނެވެ.
މަގާމުތަކުން އިސްތިއުފާ ދެއްވި ގިނަ ބޭފުޅުންނަކީ ކޮރަޕްޝަންގެ ތަފާތު މައްސަލަތަކާ ގުޅިގެން އާންމުންގެ ފާޑުކިއުންތައް އަމާޒު ވެފައިވާ ބޭބޭފުޅުންނެވެ.
ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ޒެލެންސްކީ ވިދާޅުވީ ރަސްމީ ނޫން ބޭނުމަކަށް ސަރުކާރުގެ އިސް ބޭފުޅުންނަށް ގައުމުން ބޭރަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.
ޔޫކްރޭންގެ ދިފާއީ ވަޒީރުގެ ނައިބު ވިޔަޗެސްލާވް ޝަޕޮވަލޯވް މަގާމުން އިސްތިއުފާ ދެއްވީ ޔޫކްރޭންގެ މީޑިއާތަކުން އޭނާއާ ބެހޭ ގޮތުން ތަފާތު ތުހުމަތުކޮށް މީޑިއާގައި ދިފާއީ ވަޒީރާ ގުޅޭ ގޮތުން ރިޕޯޓް ކުރުމުންނެވެ.
ދިފާއީ ވުޒާރާއިން ބުނިގޮތުގައި އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. ނަމަވެސް ޝަޕޮވަލޯވް އިސްތިއުފާއަކީ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ”އަގުހުރި ފިޔަވަޅެއް“ ކަމަށްވެއެވެ.
ޔޫކުރޭނަށް ހަނގުރާމައިން ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން އެދެވޭ ކާމިޔާބެއް ލިބެމުންނެއް ނުދެއެވެ.