ޕެރޫގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 60 އަށް އަރައިފިއެވެ.
ރައީސް ދީނާ ބޮލުއަރްތޭގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނީ ކުރީގެ ރައީސް ޕެދްރޯ ކެސްޓިއްޔޯއަށް ތާޢީދުކުރާ މީހުންނެވެ. ކެސްޓިއްޔޯގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް، ވެރިކަމުން ދުރުކޮށްފައި ވަނީ 2022 ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ހުސްވި ހަފުތާގެ ތެރޭގައި ކެސްޓިއްޔޯއަށް ތާޢީދުކުރާ މީހުން ވަނީ ވެރިރަށް ލީމާގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. އަދި، މި ހަފުތާގައި ވެސް ބޮޑު މުޒާހަރާއެއް ބޭއްވުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ދާޚިލީ ވަޒީރު ވިސެންތޯ ރޮމޭރޯ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކަށް މުޒާހަރާތައް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމުގައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 200 އަށްވުރެ މައްޗަށް އަރާފައެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ބޮލުއަރްތޭގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. ރޮމޭރޯ ވިދާޅުވީ، މުޒާހަރާތަކުގައި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިންގާތީ، މުޒާހަރާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކުރިމަތިލުންތަކުގައި ފުލުހުންގެ 540 އޮފިސަރަކަށް ވަނީ އަނިޔާވެފައެވެ.
ބޮލުއަރްތޭގެ އިސްތިޢުފާގެ އިތުރުން އެ ޤައުމުގެ ޤާނޫނު އަސާސީ އިސްލާޙުކޮށް، އައު އިންތިޚާބެއް ބޭއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ. އަދި، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ފަދަ އަމަލުތައް ހުއްޓައިލުމަށް މަދަނީ ޖަމުޢިއްޔާތަކުން ވަނީ ޕެރޫގެ ސަރުކާރަށް ގޮވައިލާފައެވެ.
ނަމަވެސް، ރޮމޭރޯ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި، މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގަމުންދާ ކަމަށާއި، މިއީ 1980ގެ އަހަރުތަކަށް ފަހު އެ ޤައުމަށް ކުރިމަތިވި އެންމެ ހަލަބޮލި، އަދި ހަމަނުޖެހުންތައް ގިނަ އަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި، މުޒާހަރާތައް އިންތިޒާމުކޮށް، ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. މުޒާހަރާތަކުގައި ފަހަތުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕުތަކާއި ޤާނޫނާ ޚިލާފަށް މައިންކުރާ ފަރާތްތަކުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.