އަންނަ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫން ޗޮއިސްއެއް ހަމަ ނެތް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވާން އޮތީ ރައީސް ޞާލިޙް ކެންޑިޑޭޓަކަށް ވެވަޑައިގަތުމުން ކަމަށާއި އެ ނޫން ޗޮއިސްއެއް ނެތް ކަމަށެވެ.
އަދި މި މަހުގެ 28 ގައި ބާއްވާ އެމްޑީގެ ރިޔާސީ ޕްރައިމަރީތެރެއިން ފެންނަމުންދަނީ ވާދަވެރި ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާ ބައިވެރިވެގެން އިދިކޮޅު ޕީޕީއެމްއިން ”ހެސްކިޔާފައި“ ފިތުނަ ފަތުރާ މަންޒަަރު ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
”މިކަމުގެ ފަހަތުގަ އޮތީ އެމްޑީޕީ ބަލިކުރުން“ ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ.މާޅޮހަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ޕްރައިމަރީ އޮންނަ ދުވަސް ގާތްވެފައިވާއިރު ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތަކެއް [ސިޔާސީ ޕާޓީތައް] ޖެހެމުންދާ ކަމަށާއި އެކަމާ ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
”ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާ ވެސް އެ ބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެ އެތިބީ.“
ނަމަވެސް ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.