ޢަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް މަރައިލުމަށް ގޮވައިލާ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ޑރ.އިޔާޟް މަރަން ގޮވައިލީ ”ދިޑެއިލީ“ އިން ލިޔުނު ޚަބަރެއް ހިއްސާކޮށް ޙަސަން ރިޔާޒްގެ ނަމުގައި ހަދާފައިވާ ފޭސްބުކް އެކައުންޓަކުން ކުރި ޕޯސްޓެއްގައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ފެއިލްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޑރ.އިޔާޟް ވިދާޅުވުމުން މި ނޫހުން ލިޔުނު ޚަބަރުގެ ފޮޓޯއެއް ހިއްސާކޮށް އޭނާ ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ ޙައްޤުގައި ޑރ.އިޔާޟް ދަންޖައްސައި މެރުމަކީ ވާޖިބެއް ކަމަށެވެ. އަދި އެއީ އޭނާގެ ފަތުވާ ކަމަށް ބުންޏެވެ.

ޢަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު މިރޭ ވިދާޅުވީ ޑރ.އިޔާޟް މެރުމަށް މީސްމީޑިއާގައި ގޮވައިލާ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންގެ ޚިދުމަތަށް ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަމުގައެވެ.
ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޑރ.އިޔާޟަށް މަރުގެ އިންޒާރު ދިނުމަކީ ސިޔާސީވެގެން ގޮސް ހައްދު ފަހަނައެޅިކަމުގެ އަލާމާތެއް ކަމުގައެވެ. އަދި އެކަން ވީހާވެސް އަވަހަށް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ވެސް ޒައިދު ވަނީ ގޮވައިލައްވާފައެވެ.
އިޔާޒު އަދި ޒައިދަކީ އިތުބާރުގެއްލިފައިވާ އިލްމުވެރިއެއް. ދީން ހަތިޔާރަކަށް ހަދާތީއާއި ސިޔާސީ ތުންފުއްސަކަށް ވުމުގެ ސަބަބުން ތިވަނީ އަގުވެއްޓިފައި. މުނާފިޤުންގެ ސިފަތައް ދޫކުރައްވާ ޙައްޤުމަގަށް ރުޖޫއަވެލައްވާ.