އައްޑޫގެ ބައެެއް އަވަށްތަކުން 500 ގޯތި ދޫކުރަން ރޭ ދަންވަރު އިއުލާނުކުރުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދަންވަރު ކުރަންޖެހެނީ ވަކި މަސައްކަތްތަކެއް ކަމަށާއި އެ ކަންކަމުގެ ތެރޭގައި ދަންވަރު އޮފީސް ހުޅުވައިގެން ގޯއްޗަށް އިއުލާނުކުރުމެއް ނޯންނަ ކަމަށެވެ.
”އަޅުގަނޑު ކައިރީގައި މާމައާއި ގޭ މީހުން އަބަދުވެސް ބުނޭ ދަންވަރު ކުރާނީ ފޮށްޓެއް ފަޅައިލުމުގެ މަސައްކަތޭ. ރެއެއްގެ ހަތަރު ދަމުން ގޯއްޗަށް އިއުލާނުކުރީމަ އަޅުގަނޑަށް އަދި އެންމެންގެ ހިތަށް އަރަނީ މިހިރީ ކަޑަޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ.“
ނަޝީދު ވިދާޅުވީ ދަންވަރު ތަންތަން ހުޅުވައިގެން ގަން އެއާޕޯޓު ހުޅުވާފައި އެތަނަށް ބޭރުގެ މަތިންދާބޯޓު ޖެއްސޭނެ ގޮތް ހެދިދާނެ ކަމަށާއި, ރިސޯޓު ހަދައި ވަޒީފާ އުފެއްދުމާއި ގެސްޓު ހައުސްތަކަށް މީހުން އާދެވޭނެ ގޮތް ހެދުމާއި މަހުގެ އަގު އުފުލޭނެ ގޮތަށް މަސް ގަނެވޭ ގޮތް ހަދައި އައިސް ލިބޭނެ ގޮތް ހެދުމަކީ ވެސް ރޭގަނޑު ކުރެވިދާނެ ކަންކަން ކަމަށެވެ.
”ނެތް ކަމެއް ރޭގަނޑު ދަންވަރު ކުރަން އުޅުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ބޭއަަދަބީ ކަމެއް.“
މީގެއިތުރުން ރައީސް ނަޝީދު ވަނީ އައްޑޫގެ މަޝްރޫޢުތައް ވެސް ލަސްކަން ފާހަގަކުރައްވައިފައެވެ. އަދި މިދިޔަ ފަސް އަހަރު އައްޑޫ އޮތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.