އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށް އެ ޕާޓީގައި ނުހިމެނޭ ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް މިއަދު ދަނގެއްޗަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރައްޔިތުން އުޅެމުންދިޔަ ބިރުވެރިކަމާއި ލިބުނު އަނިޔާ އަލުން ތަހައްމަލު ކުރާކަށް އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ. އަދި މިއަދު ދިވެހިން ބޭނުންވަނީ އަސާސީ ޚިދުމަތްތައް ލިބި އާމްދަނީ ލިބޭނެ މަގުފަހިވެގެން ދިއުން ކަމަށާއި އެ އުންމީދު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ ޕާޓީގެ އެތެރޭގައި މި ބޭއްވޭ ޕްރައިމަރީ މި މިސްރާބަށް ދިއުމަށްޓަކައި ތިބޭފުޅުން އެ ގޮތަށް ނިންމުމަކީ ވަރަށް މުހިންމު ބޭނުންތެރިކަމެއް. މި ނިންމުން ނިންމާއިރު ޕާޓީގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ.“
”ތިބޭފުޅުން ވިސްނައިދެއްވާ ތިބޭފުޅުންގެ ގާތް އެކުވެރިންނަށް“ އެހެންނޫނީ އަނެއްކާ ވެސް ކުރީގެ ހާލަތަށް ގޮސް މަގުމަތިވެދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ އެމަނިކުފާނަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އެއަށްފަހު ވިދާޅުވީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައެވެ.