އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދަކީ ލާދީނިއްޔަތުގެ މޭސްތިރިން ކަމަށާއި އެ ދެ ބޭފުޅުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރަންޖެހޭ ކަމުގައި ޝައިޚް ސައުދާން މިއަދު ވިދާޅުވެއްޖެެއެވެ.
ޝައިޚް ސައުދާން މިހެން ވިދާޅުވީ ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
ރައީސް ޞާލިޙްގެ ވެރިކަމާ ދެކޮޅަށް ކުރާ ކޮންމެ ކަމެއް ފެއިލް ކުރުމަކީ ލާޒިމުކަމެއް ކަމަށް ވިދާޅުވެފައިވާ ޑރ.އިޔާޟް ކުރެއްވި ޓުވީޓުގައިވިދާޅުވެފައިވަނީ ”އިބްރާހީމް“ އަކީ ނަބީބޭކަލެއްގެ ނަންފުޅެއް ކަމަށާއި, އިބްރާހީމް ޢަލައިހިއްސަލާމް އަކީ މާތް ރަސްކަލާނގެ ޚަލީލު ކަމަށެވެ. އަދި މުޙައްމަދުގެފާނަށްފަހު އެންމެ މާތް ނަބިއްޔާ އަދި ރަސޫލާއަކީ ވެސް ”އިބްރާހީމް“ ޢަލައިހިއްސަލާމް ކަމުގައެވެ.
އެ ގޮތުން ސައުދާން ވިދާޅުވީ އިބްރާހީމްގެފާނާއި އާއި މުޙައްމަދުގެފާނަކީ ރަސޫލު ބޭކަލުން ކަމަށާއި, އެކަމު އިބުރާހީމް މުޙައްމަދު ޞާލިޙާއި, މުޙައްމަދު ނަޝީދަކީ ލާދީނިއްޔަތުގެ މޭސްތިރިން ކަމަށެވެ. އެހެންކަމުން އެ ”ދެ މީހުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރަން އެބަޖެހޭ“ ކަމަށް ސައުދާން ވިދާޅުވިއެވެ.