މިހާތަނަށް މަތިވެރި ދާއިރާއަށް 202 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ.މާޅޮހަށް ވަޑައިގެން ރައީސް ވިދާޅުވީ މަތިވެރި, ބޮޑުފުޅަދޫ, މާޅޮސް, ހިމެންދޫ, ފެރިދޫ ހިމެނޭ ގޮތަށް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް މިހާރު ވެެސް އެބަކުރިއަށްދާ ކަމަށެވެ. އެ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރު މަތިވެރި ދާއިރާއަށް 202 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ ކަމުގައި ރައީސް ވިދާޅުވިއެވެ.
”ފައިސާއިން ބަލާނަމަ މި ފަސް ރަށަށް މި ވޭތުވެދިޔަ 2019 އިން 2022 ގެ ނިޔަލަށް ކޮވިޑުގެ ދެއަހަރާއެކު 202 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކުރެވިއްޖެ. އަޅުގަނޑު ހިތުން ތިބޭފުޅުންގެ ފަތްފުށްތައް ހުޅުވައިލާ ބައްލަވައިލެއްވީމާ ކުރިއާއި މިހާރާ ހުރި ތަފާތު ވަރަށް ސާފުކޮށް ފެންނާނެ. ޕްރޮޖެކްޓްތަކުގެ ތަފްސީލަކަށް އަޅުގަނޑު ދާކަށް ނެތިން. އެހެންނަމަވެސް މީ މި ދާއިރާއަށް މި ސަރުކާރުން މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެތެރޭ ކުރެވިފައި ހުރި މަސައްކަތްތައް. އަޅުގަނޑު ހިތުން މި ދާއިރާގެ ރައްޔިތުން އެކަން ބަލައިގަނޭ. އަދި ބޭނުންވަނީ ވެސް މި މަޝްރޫޢުތަކާއިގެން ކުރިއަށްދާން.“
”އަދި އެކަން ކުރެވެން އޮތް ގޮތަކީ ކޮބައިކަން ވެސް މި ދާއިރާގެ ރައްޔިތުން ގަބޫލުކުރޭ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަ މަންޒަރުތަކާއެކު ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާއިރު މަތިވެރި ދާއިރާގެ ހިއްސާ ބޮޑުކޮށް އޮންނާނެކަމާމެދު ޝައްކެއް ނެތް ކަމުގައެވެ.