މި ހަފުތާގެތެރޭގައި ހިތަދޫން ގޯތި ދޫކުރަން ހުޅުވައިލާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ބައެއް އަވަށްތަކުން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައެވެ.
އެކަން ފާހަގަކުރައްވައި ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ މި ހަފުތާގެތެރޭގައި ހިތަދޫން ގޯތި ދޫކުރުމަށް ވެސް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިހާރު ނިންމާފައިވަނީ މީދޫން 100 ގޯއްޗާއި، ހުޅުދޫން 100 ގޯއްޗާއި، ފޭދޫން 300 ގޯތި ދޫކުރުމަށެވެ.
ގޯއްޗަށް ކުރިމަތިލުމަށް އެދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 02 އިން ފެށިގެން އެ މަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށެވެ.