ށ.ފޯކައިދުއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުންވެއްޖެއެވެ.
ފޯކައިދޫ ކައުންސިލުގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ ރޭ މެންދަމު 12:00 އިން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހެމުންދާތީ އެ ރަށުގެ އެންމެ އުތުރު ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
އެ ގޮތުން ހަ ގެއަކަށް ފެން ވަދެފައިވާއިރު, އޭގެ ސަބަބުން ހިފައި ގެންގުޅޭ ބައެއް ސާމާނުތަކަށް ގެއްލުންވެފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވި ގޮތުގައި ރަށުގެ ކައުންސިލުންނާއި ފުލުހުން ގުޅިގެން މިހާރު އެ ގެތަކުން ވަނީ ފެން ހިއްކައިފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭވެހިފައިވަނީ (102.0 މިލިމީޓަރު) ފުވައްމުލަކަށެވެ.
އެ އިދާރާއިން ވަނީ މިއަދު އިރުއޮއްސުމާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. ބުނީ ބޯކޮށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމުގައެވެ.