ވެމްކޯގެ މުވައްޒަފަކު މާލޭގެ ޢިމާރާތެއްގެ ސިޑި މައްޗަށް ބޮޑުކަމުދިޔަ މައްސަލައެއް އެ ކޯޕަރޭޝަނުން ބަލަން ފަށައިފިއެވެ.
ސޯޝަލްމީޑިއާގައި އިއްޔެ ޢާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކުނި އުކުމުގައި ހަރަކާތްތެރިވި ވެމްކޯގެ ޔުނީފޯމުގައި ހުރި މީހަކު ވަނީ ގެއެއްގެ ސިޑި މައްޗަށް ބޮޑުކަމު ގޮސްފައެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ޑިއުޓީއަދާކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފަކު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލެއް ހިންގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫން ކަމަށް ބުންޏެވެ.
ވެމްކޯއިން ބުނީ މި މައްސަލަ އެ ކޯޕަރޭޝަނުން ބަލަމުންދާ ކަމަށާއި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާތީ އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ވެމްކޯއިން ވަނީ މުވައްޒަފުގެ ޢަމަލާ ގުޅިގެން އުނދަގޫ ކުރިމަތިވި ފަރާތްތަކުގެ ކިބައިން މަޢާފަށް ވެސް އެދިފައެވެ.