ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމީ ޤާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޕޮލިސް ބޯޑުގެ ލަފަޔާއެކު މިދިޔަ އަހަރު 07 އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމިއެވެ. އެ ނިންމުން ނިންމެވީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އޭގެތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ ފަސް އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު (ޓޫފޯ) އާއި، ޗީފް ސްޕްރިންޓެންޑެންޓް ޢަބްދުﷲ ޝަރީފާއި، ސްޕްރިންޓެންޑެންޓް މުޙައްމަދު ދާއޫދާއި، ސްޕްރިންޓެންޑެންޓް އިސްމާޢީލް ޝަމީމެވެ.
ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހު ކުރި ޙުކުމުގައި ވަނީ ޕޮލިސް ބޯޑުގެ ނިންމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ޤަރީނާތަކަށް ބެލުމަށްފަހުގައި ކަމަށްވީ ނަމަވެސް, އެ ފަސް އޮފިސަރުންނާ ގުޅޭ އެފަދަ ނިންމުންތަކެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ފަސް އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން ބާތިލުކުރާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި ޕޮލިސް ބޯޑުގެ ފަރާތުން ސިވިލް ކޯޓުގެ މި ނިންމުން އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. ހައިކޯޓުން މި މައްސަލަ ބަލައިގަތް ކަމެއް އަދި ސާފެއް ނޫނެވެ.