ސަޢޫދީ އަރަބިއްޔާގެ ”ޖޯއި އެވޯޑްސް“ ހަފްލާގައި ބައިވެރިވުމުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯގެ ބުރުސޫރަ ރީތި އަންހެނުން ޖޯޖިނާއަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބިގެން ހިނގައްޖެއެވެ.
އެ ރަސްމިއްޔާތުގައި އެންމެ މޮޅު ޢަރަބި އެތުލީޓު 2023ގެ މަގާމު ލިބުނު ސައުދީ ފެތުންތެރިޔާ މަރިޔަމް ޞާލިޙާ އެވޯޑް ހަވާލުކޮށްދިނީ ޖޯޖީނާއެވެ.
ޖޯޖިނާ އެ ކުލަ ގަދަ ރަސްމިއްޔާތަށް ދިޔައީ ވަރަށް ބޮޑަށް ނަލަހެދިގެންނެވެ. ކެމެރާތަކުން މެދުކެނޑުމެއްނެތި އޭނާގެ ހަރަކާތްތައް ފޮޓޯނަގަމުންދިޔައެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ހެދުމެކެވެ. ވިދާ ގަހަނާތަކުން އޭނާ ހުރީ ޖަރީ ކޮށްފައެވެ. ބޮލުގެ އެއްބައި ނިވައި ވާވަރުގެ ތުނި ބުރުގާ ފޮތިކޮޅެއް ބޮލުގައި އަޅައިގެން ހުއްޓަސް އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ނިވައިކަމެއް ނެތި ފެންނަން ހުއްޓެވެ. ހިމޭނުން ތިއްބަސް އެއީ ޢަރަބި މުސްލިމުންގެ ގިނަ ބަޔަކު ރުހޭނޭ ކަމެއް ނޫނެވެ.
”ޖޯއި އެވޯޑްސް“ގައި ޝަރަފު ލިބުނު ތަރިންގެ ތެރޭގައި ޓިއުނީޝިއާގެ ވޯލްޑް ޓެނިސް ޗެމްޕިއަން އަނަސް ޖާބަރާއި މިސްރުގެ އެތުލެޓިކްސް ޗެމްޕިއަން ބަސަންތު ޙަމީދާ އާއި ސައުދީ ޓެނިސް ކުޅުންތެރިޔާ ޔާރާ އަލް ހަޤްބާނީ އަދި ސައުދީ ފެތުންތެރިޔާ މަރިޔަމް ޞާލިހް ބިން ލާދިން ހިމެނެއެވެ.
ރިޔާޟްގައި ބޭއްވި ”ޖޯއި އެވޯޑްސް“ ރަސްމިއްޔާތުގައި ޢަރަބި ދުނިޔެއާއި ދުނިޔޭގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވިއެވެ. މަގާމުތަކަށް ހޮވުނު ކުޅުންތެރިން ހޮވުމުގައި އެމީހުންގެ ކާމިޔާބީއާއި އާންމުންގެ ވޯޓަށް ވެސް ބަލާފައިވެއެވެ. ޝަރަފުވެރި ކަމުގެ އިނާމުތައް ދީފައި ވަނީ އެމީހުންގެ ފަންނީ ދާއިރާއަށް ދިގު މުއްދަތަކަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.