ރައީސް ޔާމީންޢަބްދުލްޤައްޔޫމަށް ކުރާ ސިޔާސީ އަނިޔާ ހުއްޓަންދެން އިހުތިޖާޖު ކުރާތަން ފެންނާނެކަމަށް އެ މަނިކުފާނުގެ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވެއްޖެެއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ މަހުގެ 25 ގައެވެ. އެ ޙުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަގު މި ވަގުތަށް ރައީސް ޔާމީނަށް ވަނީ ބަންދުވެފައެވެ.
ރައީސް ޔާމީނަށް ޙުކުމް ކުރުމުން އިދިކޮޅު ކޯލިޝަނުން މާލޭގައި ކޮންމެ ރެއަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. މީގެއިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައެއް ރަށްރަށަށް ވަޑައިގަތުމުން އެ ރަށްރަށުގައި ތިބޭ އިދިކޮޅު ކޯލިޝަނުގެ ފަރާތްތަކުން ނުކުމެ ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވައި ދަނީ އަޑުއުފުލަމުންނެވެ.
އެ ގޮތުން ރައީސް ރަށްރަށަށް ވަޑައިގަންނަވަންވާއިރަށް ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިން މަގުތަކަށް ނެރެއެވެ.
އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނުގެ ސެކިއުރިޓީއަށް ޖޯކުޖެހި އެމްޑީޕީން މިއަދު ޖަލްސާއަށްދާ މީހުންނަށްވުރެ ގިނައިން ސެކިއުރިޓީ ފޯސްގެންދާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމްއަކީ ސުލްހައަަށް ލޯބިކުރާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށާއި ރައީސް ޔާމީނަށް ކުރާ ސިޔާސީ އަނިޔާ ހުއްޓަންދެން އެ މަނިކުފާނުގެ ސަޕޯޓަރުން އިހުތިޖާޖު ކުރާތަން ފެންނާނެ ކަމަށެވެ.