މި އަހަރުތެރޭގައި އއ.ތޮއްޑޫން އިތުރު 100 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ތޮއްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ތޮއްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ ތޮއްޑޫ ރައްޔިތުން ތިބީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި ތޮއްޑޫން މި އަހަރުގައި އިތުރު 100 ގޯތި ދޫކުރާނެ ކަމަށެވެ.
ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައިގެ ދަތިކަން އޮތް މިންވަރާ އަޅާބަލާއިރު އެއީ އެކަށީގެންވާ ޢަދަދެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަނެއްކާވެސް ޔަޤީންކަން އަރުވަނީ އެ 100 ގޯއްޗަށްފަހުގައި އިތުރު 100 ގޯތި މި އަހަރުތެރޭ ތޮއްޑޫން ތިޔަ ބޭފުޅުންނަށް އިތުރު ކުރާނަން.“
ރައީސް ވިދާޅުވީ ތަރައްޤީ ގެންނާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި މި ސަރުކާރުން ރަށްރަށަށް ގެނެސްދޭ ތަރައްޤީގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބެމުންދާކަމަށް ވެސް ވިދާޅުވިއެވެ.