ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އަމިއްލަ އިސް ނެގުމަށް ވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާ މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން ”ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް/ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީ ކަމަށް“ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ.
ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތް ނުކުރާ ކަމަށެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި, ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި, ކުރެވޭ ތުހުމަތުތައް ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ކަމަށެވެ.
”ކޮމިޝަނުގެ މުވައްޒަފުން ވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި ދަނީ މަސައްކަތް ކުރެވެމުން. ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ވެސް ދަނީ މައްސަލަތައް ބަލަމުން.“
އޭސީސީން ބުނީ ކަންކަން މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގޮތުގައި ކުރިއަށްދާނެ ކަމަށެވެ.