ރާއްޖޭގެ ތަރައްޤީ ހޯދެން އޮތް ”އިންޖީނަކީ“ އައްޑޫ ސިޓީ ކަމަށާއި ނަމަވެސް ސަރުކާރުން އައްޑުއަށް އިހުމާލުވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އައްޑުއަށް ވަޑައިގެން ހިތަދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށާއި, މަޝްރޫޢުތައް ނުނިމި ލަސްވާކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު އަމާޒުކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މަގެއް ހަދަން ނަގަނީ ގިނަވެގެން ދެތިން މަސް ކަމަށާއި ނަމަވެސް މި ފަސް އަހަރު މިދަނީ މަސައްކަތްތައް ނުނިމި ކަމަށެވެ.
މީގެއިތުރުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އައްޑޫ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް އެންމެ މުހިންމު އެއްކަމަކީ އެއާޕޯޓު ތަރައްޤީ ކުރުން ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ޒަޢާމަތުގައި ސާކު ސަމިޓަށް އެޅުނު ވީއައިޕީ ލައުންޖު ފިޔަވައި އެ ތަނުގައި އިތުރުކަމެއް ވެގެންދާ ތަން ނުފެންނަކަމީ ހިތާމައެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފަށައި އެ މަސައްކަތް ކުރިއަރުވަން އުޅުނީ އައްޑޫ ރައްޔިތުން ކަމަށާއި ނަމަވެސް އައްޑޫގައި އަދިވެސް އެ މަސައްކަތް ހިނގައިނުގަނެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ”ފެއިލިއާ“ ކަމުގައެވެ.
އެމްޑީޕީގެ އަމާޒަކަށްވީ އައްޑޫގައި ފަތުރުވެރިކަމަށް 8000 އެނދު ހުޅުވައިލުން ކަމަށާއި ނަމަވެސް އެކަން ނުވެ ދައުރު ނިމުނީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
”އެއީ 2018 ވަނަ އަހަރަށް ނުކުތް އިރު ވެފައި އޮތް ވަޢުދެއް. އެ ވަޢުދު އޮތީ ނުފުއްދި. މިހާރު މި ދައުރު ނިމުނީ.“
”ރާއްޖޭގެ ތަރައްޤީ ހޯދެން އޮތް އިންޖީނަކީ އައްޑޫ. އައްޑޫގައި އުފައްދާފައިވާ ޢުމްރާނީ ވަސީލަތްތައް އޮންނަތާ އެތައް ޒަމާނެއްވެއްޖެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އެ ވަސީލަތްތަކުގެ ބޭނުން ނުހިފި ދާކަން ފާހަގަކުރައްވައި އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.