އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފީ ސާރވޭ މިއަދު ފަށާނެކަމަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއިން ބުނެފިއެވެ.
މިދިރާސާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ނިޔަމިކަމުގެ ޗާޓުތައް އަދާހަމަކުރުމަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއާއި، އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީސް ގުޅިގެންނެވެ.
މި ސާރވޭގެ މައިގަނޑު ބޭނުމަކީ އެސަރަހައްދުގެ ޗާޓުތައް އަދާހަމަކުރުމެވެ. މިހާރު ބޭނުންކުރަމުންދާ ޗާޓުތަކަކީ ބްރިޓިޝް އެޑްމިރަލްޓީއިން މީގެ ސަތޭކަ އަހަރުކުރިން ހަދާފައިވާ ދިރާސާތަކަށް ބިނާކޮށް ކުރަހާފައިވާ ޗާޓުތަކެކެވެ.
އެހެންކަމުން މި ޗާޓުތަކުގައި ޖީޕީއެސް ޕޮޒިޝަނުން ދިމާނުވާ ސަރަހައްދުތައް ހުންނަކަމަށާއި އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވާކަމަށް ހައިޑްރޯގްރަފިކް ސަރވިސްއިން ބުނެއެވެ.
މިދިރާސާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިދިރާސާތައް ކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުތަކާއި ސިފައިން ހަރަކާތްތެރިވާނެއެވެ.