ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހިފައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރު ކުރީ އޭސީސީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށްފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގައ ކޮރަޕްޝަން މިއޮތީ ހައްދުފަހަނައަޅާފައި ކަމަށެވެ. އެ ގޮތުން ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް، ޚާއްސަކޮށް އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް ކޮރަޕްޝަން ހިންގާ މިންވަރު އިތުރުވެފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
އެ ގޮތުން 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ ފައިސާ ބޭނުންކުރި އިންތިޚާބު އޮބްޒާވްކުރަން ރާއްޖެއިން ބޭރުން ވަޑައިގެން އޮބްޒާވަރުން ވެސް އެކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
”އޭގެތެރޭގަ ކޮމަންވެލްތުގެ ފަރާތުން ވަޑައިގެންނެވި ޓީމުގެ ބޭފުޅުން ހައްދަވާފަ އޮތް ރިޕޯޓުގަ ވެސް އެބައޮތް ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ވާހަކަ. އެހެންނަމަވެސް އޭސީސީގެ ދައުރެއް އޭގަ ނެތްތަން އަޅުގަނޑުމެން ތަކުރާރުކޮށް އެކި މަރުހަލާތަކުގަ އެކި ޕޯޑިއަމްތަކުގަ އަޅުގަނޑުމެން އެ ވާހަކަ އެބަ ހިއްސާކުރަން. އެހެންނަމަވެސް މިއަދާ ހިސާބަށް ވެސް އެކަމުގަ އޭސީސީން އެއްވެސްކަމެއް ނުކޮށް އޮތްތަން އަޅުގަނޑުމެން މި ފުރުސަތުގަ ފާހަގަކޮށްލަން.“
ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވެސް ފެންނަނީ ރައީސް ޞާލިޙް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުންދާ ކަމަށެވެ. އަދި ސިޔާސީ މަޤާމުތައް އިންތިހާއަށް އުފައްދައިގެން ބޮޑެތި މުސާރަތައްދީގެން ޕާޓީ އިންތިޚާބުކާމިޔާބު ކުރުމަށް ރައީސް ޞާލިޙް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ރައްޔިތުންނަށް ވަޒީފާއެއްދީގެން ކަންބޮޑުވަނީކީ ނޫން. އެހެން ނަމަވެސް މިކަހަލަ އެތެރޭގެ އިންތިޚާބުތަކުގަ ކޮންޓްރެކްޓް އުސޫލުން ބައިވަރު ވަޒީފާތަކަށް މި ނަގަނީ. ވަގުތުގެ ނާޖާއިޒު ފައިދާ ނެގުމަށްޓަކައި.. އަނެއްހެން ދަންނަވާނަމަ ކުންފުނިތަކުގެ ގަވާއިދާ ޚިލާފަށް މުވައްޒަފުން މި ނަގަނީ.“
ޝިޔާމް ވިދާޅުވީ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް ކޮރަޕްޝަން ހިންގާ މައްސަލައިގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ގިނަ މައްސަލަތަކަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށެވެ.