ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ބާރަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ.
ރައީސް އެ ޔަޤީންކަން ދެއްވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިހާރު މާލެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކާށިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކާށިދޫއާއި ގާފަރުގެ ރައްޔިތުންނަށް ވެސް ދެރަ ގޮތެއް ނުވާނެ ކަމުގައެވެ.
”އިރާދަކުރެއްވިއްޔާ ކާށިދުއަކަށް ވެސް ގާފަރަކަށް ވެސް ދެރަގޮތެއް ނުވާނެ. އަޅުގަނޑުމެން ވެފައިހުރި ވަޢުދުތައް ފުއްދުމުގައި ކުރިއަށް.. ބާރަށް ކުރިއަށް އަޅުގަނޑުމެން ދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.“
ރައީސް ވިދާޅުވީ އެހެން ބައެއްގެ އަތްމައްޗަށް އަނެއްކާ ވެސް ވެރިކަމުގެ ބާރުތައް ގޮސްފިނަމަ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން އެދޭގޮތަށް ކުރިއަށްނުދާނެކަމީ މިއަދު ފެންނަން އޮތް ޙަޤީޤަތެއް ކަމަށެވެ.
ރައީސް މިއަދު ވަނީ ކ.ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ގުޅީ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެކަމުގައި ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.