ކ.ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ކާށިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ އައުމުގެ ކުރިން ކާށިދުއާއި ގާފަރުގައި ވެސް ޓޫރިޒަމްގެ ކޮންމެވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި, ނަމަވެސް ރަނގަޅު ޕްލޭނެއްް ނެތި ވިސްނުމެއް ނެތި އެ މަސައްކަތްތައް ފަށާފައި ހުރުމުން ވެފައި އޮތްގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ގާފަރާއި ކާށިދޫއަށް އިތުރަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެތެރޭގައި ބިން ބޮޑުކުރުން ބަނދަރުގެ މަސައްކަތް ހިމެނޭ ކަމުގައެވެ.
”އޭގެއިތުރުން ޓޫރިޒަމް ތަރައްޤީކުރުމަށް ވަކިން ރަށެއް ފަޅުތެރޭގައި ހިއްކައި ބިން ހިއްކައި ތަރައްޤީކުރުމަކީ ކުރަންޖެހިފައި އޮތްކަމެއް. ބައެއް ބޭފުޅުން ހިތަށް އަރާފާނެ މިއޮށް ބޮޑު ކާށިދޫގައި ބިން ހިއްކަން އަޅުގަނޑުމެން ބޭނުންވަނީ ކީއްވެބާއޭ. ބިން އެންމެ ބޮޑު އެއް ރަށް. އަޅުގަނޑުމެންގެ ވިސްނުމަކީ ކާށިދޫގަ މިހާރު އެއޮށް ބިން އެއީ ދަނޑުވެރިކަމަށް ޚާއްސަކޮށްފަ ބޭއްވުން. މި ރަށަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާދާއިރާއެއްގައި ކުރާ އެއްް ރަށް.“
އެ ގޮތުން އެ ބިން ދަނޑުވެރިކަމަށް ޚާއްސަކޮށްފައި ބޭއްވުމަށްފަހު ބިން އިތުރުކޮށް ގެދޮރު ބޭނުންވާ މީހުންނަށް ގެދޮރު ދިނުމާއި, ޓޫރިޒަމް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ މަސައްކަތަަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެ ވަޢުދާ އެއްގޮތަށް މި އަހަރުތެރޭގައި މި ރަށުގެ ބިން ބޮޑު ބަނދަރު އިތުރަށް އެކްސްޓެންޑް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ.“
”މި ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި އިކޮނޮމިކް ކައުންސިލުން ވާނީ އަވަހަށް ކުރަންޖެހޭ ކަމެއްގެ ގޮތުގަ ނިންމައި ބިޑިންގ ޕްރޮސެސް ފަށާފައި.“ ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވަނީ ކ.ގުޅީ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެކަމުގައި ވެސް ވިދާޅުވެފައެވެ.