ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފެށީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ނޫންކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ފާޑުވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާކުރަން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ހަމައެކަނި މާލޭގައި ގެސްޓުހައުސް ހިންގޭ ގޮތަށް އޮތް ނިންމުމަށް ބަދަލު ގެނައީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވުނު މަސައްކަތާ ގުޅިގެން ކަމަށެވެ.
”ރަށްރަށުގައި ގެސްޓުހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮންއިރަކު ކޮންބައެއްތޯ. މި ވެސް ވިސްނަންޖެހޭ ކަމެއް. ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފަ. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފަ އޮތް އެ ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން. ސަރުކާރަށް ލާޒިމްކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު.“
ރައީސް ވިދާޅުވީ އޭރު މަޖިލީހުގައި މޫސާ މަނިކު (ރީކޯ) އާއި މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދާއި, މިހާރުގެ ޑިފެންސް މިިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެ މަނިކުފާނު ވެސް ހުންނެވި ކަމަށާއި, ގަރާރު ފާސްވީ އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ.
އެކަމާ ގުޅިގެން ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި އީވާ ވިދާޅުވީ ”އާސަންދަ ދިނީ ތިމަންނާއޭ ވެސް އަދި ބުނާނެ“ ކަމަށެވެ.
އާސަންދަ ކުންފުންޏަކީ ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ސަރުކާރުން ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. “ހުސްނުވާ އާސަންދަ“ އިގެ ނަމުގައި ސްކީމަށް އިތުރު ބަދަލުތަކެއް ގެނައީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ދައުރުގައެވެ.