ކ.ގުޅީ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެކަމުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގުރައިދުއާއި މާފުށްޓާއި ގުޅިއަށް ވަޑައިގަތުމުން ރައްޔިތުން އެދުނު އެންމެ ބޮޑު ކަމަކީ އެ ރަށްރަށުގެ ބިން ބޮޑުކޮށްދިނުން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މާފުށްޓާއި ގުރައިދޫގެ ބިން ތިޔަ ބޭފުޅުން އެދުނު ގޮތަށް ބޮޑުކޮށް އަދި ޕިކްނިކް އައިލެންޑަކާއެކު މިވަނީ ހިއްކައި ބޮޑުކުރެވިފައި.“
”ކުރިއަށް އޮތީ ގުޅި ހިއްކުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ [އެ މަސައްކަތް ކުރެވޭ ތަން] ގުޅީގެ ރައްޔިތުންނަށް އަމަލީ ގޮތުން ފެނިގެންދާނެ.“
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢުއަށް 30.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މި މަޝްރޫޢުގެ އީއައިއޭ ފާސްކޮށް ޑިޒައިން މިހާރު ވަނީ އެވޯޑުކޮށްފައެވެ.